Roadha Mihaaru
މެޑްރިޑުގެ ކޯޗުކަން ނުލިބުނަސް ކަންބޮޑެއްނުވޭ: މޮރީނިއޯ

ރެއާލް މެޑްރިޑުގެ ކޯޗުކަން ނުލިބުނަސް ކަންބޮޑެއްނުވޭ: މޮރީނިއޯ

15 މާޗް 2019

މެޑްރިޑް (މާޗް 15) - އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ނުލިބުނަސް ކަންބޮޑުނުވާ ކަމަށާއި ވަރަށް އަވަހަށް ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މާޗް 15) - އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ނުލިބުނަސް ކަންބޮޑުނުވާ ކަމަށާއި ވަރަށް އަވަހަށް ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރެއާލުން މޮރީނިއޯ ގެންނަން މަޝްވަރާ ވެސް ކޮށްފައިވަނިކޮށް އޭނާ ގެންނަން ދެކޮޅު ހެދީ ރެއާލުގެ ސީނިއާ ބައެއް ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ލަފާގެ މަތިން ރެއާލުގެ ރައީސް އެންމެ ފަހުން ނިންމީ ކުރީގެ ކޯޗު ޒިނެދިން ޒިދާން އަލުން ގެންނާށެވެ.

މޮރީނިއޯ ބުނީ އޭނާ އަކީ އަބަދުވެސް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކޯޗެއް ކަމަށާއި ރެއާލުން ޒިދާނާ ޓީމު ހަވާލުކުރުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"ރެއާލުގެ ނިންމުން ވަރަށް ފުރިހަމަ ޒިދާނަކީ ވަރަށް މޮޅު ކޯޗެއް. ޒިދާން އެންމެ ފަހުން ކްލަބްގައި ހުރިއިރު ސާބިތުކޮށްދިން އޭނާގެ ފެންވަރު،" މިދިޔަ ހޯމަ ދުވަހު ރެއާލުން ސަންޓިއާގޯ ސޮލާރީ ކޯޗުކަމުން ވަކިކޮށް އެ މަގާމަށް ޒިދާން ހަމަޖެއްސުމާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މިއީ ރެއާލަށާއި ޒިދާނަށް ވެސް ފައިދާކުރާނެ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ރެއާލަށް ވެސް ރަނގަޅުވާނެ. އަދި ޒިދާނަށް ވެސް މި ނިންމުން ރަނގަޅުވާނެ. މިއީ ޒިދާނަށް އަނެއްކާ ވެސް އޭނާގެ ފެންވަރު ސާބިތުކޮށްދޭން ލިބިގެންދިޔަ ރަނުގެ ފުރުސަތެއް. އޭނަ މިހާރު އެ ފަށަނީ އާ ޕްރޮޖެކްޓެއް. އަހަރެން އެކަން ބަލަން ވަރަށް ޝައުގުވެރިވޭ،" މޮރީނިއޯ ބުންޏެވެ.

"އަހަރެންގެ އުއްމީދަކީ ހުރިހާ ކަމެއް ރަނގަޅަށް ދިއުން."

މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން އޭނާ އަންނަނީ ބީންސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ގެންދަން ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ވަނީ ފްރާންސް ލީގުން އޭނާ ފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ޕީއެސްޖީގެ ކޯޗުކަން މިހާރު ހުރި ތޯމަސް ޓުޗެލް އަށް ގެއްލޭނެ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ.