Roadha Mihaaru
މޮރީނިއޯ އަލުން ރެއާލާ ގުޅެން އުޅޭކަމުގެ އަޑުތަކެއް

މޮރީނިއޯ އަލުން ރެއާލާ ގުޅެން އުޅޭކަމުގެ އަޑުތަކެއް

21 ސެޕްޓެމްބަރ 2019

މެޑްރިޑް (ސެޕްޓެމްބަރު 21) - މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 21) - މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މިދިޔަ ޑިސެމްބަރަށް ފަހު މޮރީނިއޯ ހުރީ ހުސްކޮށެވެ. އޭގެ ފަހުން މޮރީނިއޯ މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. ސްޕެއިނުގެ މީޑިއާ އަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ކަންތައްތަކެއް ދަސްވެ އެކި ގޮތްގޮތުން ބަލާއިރު އެންމެ ހިތްހަމަޖެހޭ މަސައްކަތެއް ކުރެވުނީ ރެއާލުގައި ކަމަށެވެ.

ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 300 މިލިއަން ޔޫރޯ އަށް ވުރެ ގިނައިން އާ ކުޅުންތެރިން ގަންނަން ހަރަދުކޮށްފަ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބޭނުންވި އެއް މަގާމެއް ކަމަށްވާ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް ކުޅުންތެރިޔަކު ލިބޭގޮތެއްނުވި އެވެ. އެމަގާމަށް ރެއާލުން ހޯދަން މަސައްކަތްކުރީ ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، އަޔަކްސްގެ ވެން ޑަ ބީކް އަދި ސްޕޯޓިން ލިޒްބަންގެ ބްރޫނޯ ފެނާންޑޭޒްގެ ތެރެއިން ކުޅުންތެރިޔެކެވެ. އޭގެއިން އެއްވެސް ކުޅުންތެރިއަކު ނުލިބުމުން ޒިދާން ހިތްހަމަނުޖެހިފައިހުރި ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސީޒަނުގައި މިހާތަނަށް ރެއާލަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، އަނިޔާގެ މައްސަލަ ވެސް ވަނީ އެ ޓީމަށް ދިމާވެފަ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު މެޗުން ވަނީ ޕީއެސްޖީ އަތުން ބަލިވެފަ އެވެ. އެ މެޗުގައި ރެއާލުގެ ކުޅުންތެރިންނަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ވެސް އުފެއްދިފައިނުވާއިރު، ޒިދާންގެ މުސްތަގުބަލާ ބެހޭގޮތުން ސްޕެއިނުގެ މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރެއާލަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު މިދިޔަ އަހަރު މެއި މަހު ޒިދާން ރެއާލް ދޫކޮށްލި ފަހުން އެ ޓީމާ ހަވާލުވި ދެ ކޯޗުންކަމަށްވާ ހުލެން ލޮޕެޓެގީ އާއި ސަންޓިއާގޯ ސޮލާރީއާ އެކު ކުރަން ޖެހުނީ ހިތި ތަޖުރިބާ އެކެވެ. މައްސަލަތަކަށް ހައްލު ހޯދުމަށް ރެއާލުން އަލުން ޒިދާން ގެނައީ މިދިޔަ މާޗް މަހުގަ އެވެ. އެކަމަކު އަލުން ރެއާލް ކުރިން އޮތް ލެވަލަށް ގެންދަން އަދިވެސް ޒިދާނަށް އެންމެ ބޭނުންވާ ތަފާތެއް ނުދެއްކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ޒިދާން ވަކިކުރާނަމަ އޭނާ އަށް ބަދަލެއްގެ ގޮތުގައި ބޮޑު ފީއެއް ދައްކަން ޖެހެ އެވެ. އެ ގޮތުން އެ އަދަދު 60 މިިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ސްޕެއިނުގެ ނޫހަކަށް މޮރީނިއޯ ދިން އިންޓަވިއުއެއްގައި ބުނީ ރެއާލާ އޭނާ ހަވާލުވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ރެއާލުގައި ރަނގަޅު ކޯޗެއް ހުރިއިރު، އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އޭނާ ފުރިހަމަ އަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ކޯޗިންގައި ދެން އޭނާ ހަވާލުވާ ޓީމެއް ވާނީ ހުރިހާ މުބާރާތަކަށް ވެސް ވާދަކުރެވޭނެ ޓީމެއް ކަމަށް މޮރީނިއޯ ބުންޏެވެ.

އުމުރުން 56 އަހަރުގެ މޮރީނިއޯ ވަނީ 2010 އިން 2013 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. ރެއާލުން ވަކިވި ފަހުން ވެސް އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ގާތްގުޅުމެއް އޮންނަ މޮރީނިއޯ ވަނީ އެ ޓީމުގައި ހުރިއިރު ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.