Roadha Mihaaru
ކަސިއަސްގެ ވާހަކަތަކަށް މޮރީނިއޯ ރައްދުދީފި

ކަސިއަސްގެ ވާހަކަތަކަށް މޮރީނިއޯ ރައްދުދީފި

24 ނޮވެމްބަރ 2018

ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 24) - ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް ރެއާލް މެޑްރިޑްގައި ހޭދަކުރި އެންމެ ފަހު އަހަރުތަކާ ބެހޭގޮތުން ވާހަކަ ދެއްކިއިރު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އަށް ފާޑުކިޔުމުން އޭނާ އެކަމަށް ރައްދުދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 24) - ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް ރެއާލް މެޑްރިޑްގައި ހޭދަކުރި އެންމެ ފަހު އަހަރުތަކާ ބެހޭގޮތުން ވާހަކަ ދެއްކިއިރު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އަށް ފާޑުކިޔުމުން އޭނާ އެކަމަށް ރައްދުދީފި އެވެ.

މޮރީނިއޯ ވަނީ 2010-2013 އަށް ރެއާލުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. މޮރީނިއޯގެ ފުރަތަމަ ދެ އަހަރު ފުރަތަމަ ކީޕަރެއްގެ ގޮތުގައި ކަސިއަސް ހުރި ނަމަވެސް ފަހު ސީޒަނުގައި މޮރީނިއޯ ވަނީ ކަސިއަސް ހުއްޓައި ޑިއޭގޯ ލޮޕޭޒަށް ފުރުސަތު ދޭން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ހިތްހަމަ ނުޖެހުނީ އޭރު ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ކުޅުންތެރިންނާ ކަސިއަސްއާ ދެމެދު ގާތް ގުޅުމެއް އޮންނާތީ އެ ވާހަކަތައް ޓީމުގެ ބައްދަލުވުމެއްގައި ކަސިއަސް ދެއްކި ހިސާބުންނެވެ.

ދާދި ފަހުން ކަސިއަސް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެ ދުވަސްތަކުގައި ހިތްވަރުކޮށް މޮރީނިއޯއާ ކުރިމަތިލިނަމަ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭނާ ބުނީ ހަނުހުރީ ރެއާލު ފަދަ ބޮޑު ކްލަބެއްގެ މަސްލަހަތު ގެއްލުވާލަން ބޭނުންނުވާތީ ކަމަށެވެ.

"މޮރީނިއޯ އާއި އަހަންނާ ޖެހުނު މައްސަލަތަކުގެ ސަބަބުން ކްލަބްގެ ވެރިންނާއި އަހަންނާ ދެމެދު އޮތް ގުޅުމަށް ވެސް އަސަރުކުރި. އެ ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ އަހަރެންގެ އަމިއްލަ ކްލަބުން އަހަރެން ވަކިވާން ޖެހުން،" ސްޕެއިނާއި ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަސިއަސް ބުންޏެވެ.

ކަސިއަސްގެ ތުހުމަތުތަކާ ބެހޭގޮތުން މޮރީނިއޯ ވަނީ ޕޯޗުގަލްގެ ނޫހަކަށް އިންޓަވިއުއެއް ދީފަ އެވެ. މޮރީނިއޯ ބުނީ މާޒީވެފައިވާ އޮތް ކަންތައްތަކެއްގެ ވާހަކަ އަލުން ދައްކާނީ ފޮރުވިފައި ކޮންމެވެސް އެޖެންޑާއެއް އޮތުމުން ކަމަށެވެ.

"ކެރިއަރު ނިންމާލަން ޖެހޭ ހިސާބެއްގައި ހުރި ކުޅުންތެރިއަކު އެ ކަހަލަ ދަށު ދަރަޖައިގެ އިންޓަވިއުއެއްދިނީމަ އަހަރެން ކަންބޮޑުވޭ. އަހަންނާ ކުރިމަތިލާ ވާހަކަ އޭނާ ދެއްކީމަ އަހަރެން އެންމެ ވާހަކައެއް ބުނެލަން އޮތީ. އޭނާ އެކަން ކުރި. އެކަން ކުރީ ވަރަށް ރަނގަޅަށް. އެއީ އަހަންނަށް ވެސް ނޭނގި. ކްލަބް ކުރިމަތީގައި އަހަރެންގެ އަގުވައްޓާލީ،" ޕޯޗުގަލްގެ ރެކޯޑް ނޫހަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

އުމުރުން 36 އަހަރުގެ ކަސިއަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިއަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދާދި ފަހުން ކަސިއަސް ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.