Roadha Mihaaru
"ޔާމީނަށް ނޫނެކޭ ބުނި ސަބަބު ހަނދާން ކުރަން ޖެހޭ"

ރައީސް ޔާމީނަށް ނޫނެކޭ ބުނި ސަބަބު ހަނދާން ކުރަން ޖެހޭ: ނައިބު ރައީސް

18 މާޗް 2019

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެ، މުޅި ރާއްޖެ ބަދަލަކަށް މަސައްކަތް ކުރި ސަބަބު މިއަދު ހަނދާން ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެ، މުޅި ރާއްޖެ ބަދަލަކަށް މަސައްކަތް ކުރި ސަބަބު މިއަދު ހަނދާން ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އަބްދުﷲ ރިޔާޒަށް ކެމްޕެއިން ކުރެއްވުމަށް ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވަނިކޮށް އެ ދެ ބޭފުޅުން މީގެ ކުރިން ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

ނައިބު ރައީސް ފައިސަލް، ރިޔާޒު ކެމްޕެއިންގައި ވާހަކަ ދައްކަވަނީ.

ނައިބު ރައީސް ފައިސަލް، ރިޔާޒު ކެމްޕެއިންގައި ވާހަކަ ދައްކަވަނީ.

ތިމަރަފުއްޓާއި ވޭމަންޑޫ ރައްޔިތުންނާ އެކު ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ފާހަގަ ކުރައްވައި އެކަންކަން މިއަދު ވެސް ހަނދާން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރިޔާޒުގެ ކެމްޕެއިން ޖަލްސާ: ކުރީގެ ސަރުކާރަށް ނޫނެކޭ ބުނި ސަބަބު ހަނދާން ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި-- ފޮޓޯ: އަބްދުﷲ ރިޔާޒް ފޭސްބުކް

ރިޔާޒުގެ ކެމްޕެއިން ޖަލްސާ: ކުރީގެ ސަރުކާރަށް ނޫނެކޭ ބުނި ސަބަބު ހަނދާން ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި-- ފޮޓޯ: އަބްދުﷲ ރިޔާޒް ފޭސްބުކް

"މުޅި ގައުމުގެ އެއްވެސް އާއިލާއެއް ނެތް އެ ދުވަހު ހިތާމަތަކާއި ކެކުޅުންތަކާއި ވޭނުގައި ނޫޅޭ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ގައުމު ބިނާކުރުމަށް. މިސްރާބު ދައްކަވަން ތިއްބެވި އެންމެ އިސް ފަރާތްތަކަށް ވެސް އާދެ އަޅުގަނޑު ދަންނަވާނީ އަނދަގޮޅީގައި ޖަހާ ބޮޑެތި އަނިޔާތައް ދެމުން ގެންދިޔަ މަންޒަރު،" ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.

"އިސްލާހަށް. ހެޔޮ ބަދަލަށް. އުއްމީދީ ބަދަލަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ދަންތުރައެއްގައި ޖެހިގެން ދާނެ މީހެއްގެ ގޮތުގައި އެ ދުވަހު ބެލިފައި އޮތީ."

ކުރީ ސަރުކާރުން ރިޔާޒު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްފައިވާއިރު އެއީ އެ އާއިލާ އަށް އޭރު ލިބިގެންގޮސްފައިވާ ބޮޑު ހިތާމައެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ރިޔާޒަށް އެ އަނިޔާތައް ލިބިގެން ދިޔައީ ކަންކަން އިސްލާހު ކުރުމަށް ވަރަށް ފޯރީގައި މަސައްކަތް ކުރެއްވުމުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރިޔާޒު ކެމްޕެއިންގައި ވާހަކަ ދައްކަވަނީ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރިޔާޒު ކެމްޕެއިންގައި ވާހަކަ ދައްކަވަނީ.

ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޯގާތެރިވާނެ ވެރިއެއް ހޮވި ފަދައިން މަޖިލީހުގައި މަސައްކަތް ކުރައްވަން ވެސް ރަނގަޅު ބޭފުޅުން އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. ރިޔާޒަކީ ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"މަޖިލީހަށް އަންނަން ޖެހޭނީ ރައްޔިތުންނާ ދޭތެރޭ ވިސްނާ. ގައުމަށް ހެޔޮ އެދޭ. އިސްލާމް ދީނަށް ހެޔޮކޮށް ހިތާ. އެންމެންގެ މެދުގައި ސުލްހަމަސްލަސްކަން ގާއިމު ކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ވިސްނުމެއްގައި ތިބި ބައެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ރިޔާޒުގެ ކެމްޕެއިންގައި -- ފޮޓޯ: އަބްދުﷲ ރިޔާޒް ފޭސްބުކް

ނައިބު ރައީސް ރިޔާޒުގެ ކެމްޕެއިންގައި -- ފޮޓޯ: އަބްދުﷲ ރިޔާޒް ފޭސްބުކް

ރާއްޖެ މިއަދު އޮތީ އޮންނަން ޖެހޭ ހިސާބުގައި ނޫން ކަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާއިރު މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް ވެގެންދާނީ ސަރުކާރަށް މެޖޯރިޓީ ލިބޭނެ މަޖިލީހަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިސްލާހަށް. ހެޔޮ ބަދަލަށް. އުއްމީދީ ބަދަލަށް. ދަރިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަޅުގަނޑުމެން ފެއްޓި ދަތުރު ބާރަށް ކުރިއަށް ގެންދަން ޖެހޭ. މިއަދު މިކުރާ މަސައްކަތަކީ އެ ދަތުރުގެ ފަހު ބައިގެ ގޮތުގައި މިދެކެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބަޔަކު އިންތިޚާބު ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ގެންގުޅެން ޖެހޭ."

މި ސަރުކާރުން ވައުދުތައް ފުއްދާނެ ކަމަށާއި އެ ކަންކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.