Roadha Mihaaru
ދޮގު ވާހަކަތައް ފަތުރަނީ ވައްކަން ފޮރުވަން: އަދާލަތު

އަލީ ޒާހިރުގެ ދިފާއުގައި އަދާލަތު: ދޮގު ވާހަކަ ފަތުރަނީ ވައްކަންތައް ފޮރުވަން

05 ސެޕްޓެމްބަރ 2021

ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދަނީ ކުރީގެ ސަރުކާރު ކޮށްފައިވާ ވައްކަންތައް ފޮރުވުމަށްޓަކައި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދަނީ ކުރީގެ ސަރުކާރު ކޮށްފައިވާ ވައްކަންތައް ފޮރުވުމަށްޓަކައި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިހެން ބުނީ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި، ޝަރީއަތްތަކަށް ނުފޫޒު ފޯރުއްވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.

އެހެންވެ، އަލީ ޒާހިރުގެ ދިފާއުގައި އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެ ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގު ވައްޓާލުމާއި އަދުލު އިންސާފަށް ހުރަސް އެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގައި ހިންގާ އެފަދަ އަމަލުތަކުގެ ސަބަބުން އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތް މަޑުޖެހޭނެ ކަމަށާއި ސުލްހަވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ވެސް ހުރަސް އެޅޭ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އަދި ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ދޮގު ވާހަކަތައް ފެތުރުމަކީ ކުރިން ކޮށްފައިވާ ވައްކަންތަކު ރެކިގަނެވޭނެ ގޮތެއް ނޫން ކަމަށް އެ ޕާޓީން ބުނެ އެވެ.

"...ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން،" އަދާލަތުގެ ބަޔާނުގައި ވެ އެވެ.

ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ޝަރުއީ ދާއިރާ އާއި ހުރިހާ މުއައްސަސާތަކެއްގެ ގަދަރު ގެއްލުވާލައި، ގާނޫނާ ހިލާފު އަމަލުތަކެއް ކުރަމުން ދިޔަ ސަރުކާރުން ބަދަލުކޮށް އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި މި ސަރުކާރުން ވެފައިވާ ވައުދުތައް ކާމިޔާބުކަމާ އެކީ ފުއްދަމުންދާތީ އެކަން އުފަލާއެކު ބަލައި ގަންނަ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު އެންމެ ފަހުން އަލީ ޒާހިރަށް ކުރެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އަލީ ޒާހިރު މަގާމުން ވަކި ކުރެއްވުމަށް ގޮވާލައިފަ އެވެ.