Roadha Mihaaru
ސިޓީ ކައުންސިލަރުންގެ މުސާރަ އަލުން ބޮޑު ކުރަނީ

ސިޓީ ކައުންސިލަރުންގެ މުސާރަ އަލުން ބޮޑު ކުރަނީ

19 މާޗް 2019

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

އެކަމަކު، ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރެވޭނީ މާލިއްޔަތު ކޮމިޓީގެ ނިންމުން ރައްޔިތުންގެ މަޖިލިހުގެ ފާސްކުރުމުންނެވެ.

ކޮމިޓީން ގެނައި ބަދަލު މަޖިލިހުން ފާސްކޮށްފި ނަމަ މޭޔަރުންގެ މުސާރަ އަކަށް ވާނީ 30،000ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 10،000ރ. އާ އެކު 40،000ރ. މޭޔަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ. އެއީ މުސާރައިގެ ގޮތުގައި 27،000ރ. އާއި 8،000ރ. ގެ ލިވިން އެލަވަންސެކެވެ.

ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ސިޓީ ކައުންސިލް މެމްބަރަކަށް މުސާރައިގެ ގޮތުގައި މަހަކު 24،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވަންސަށް ދޭ 6،000ރ. އާ އެކު ޖުމުލަ 30،000ރ. ކައުންސިލް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިއުޓީ މޭޔަރުންގެ މުސާރަ އަކީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގަންނަވަ އެވެ.