Roadha Mihaaru
ގާސިމްގެ ޝިއާރަކީ "ދިވެހިންގެ ބިން ދިވެހިންނަށް"

މަޖިލިސް އިންތިޚާބަށް ގާސިމްގެ ޝިއާރު: ދިވެހިންގެ ބިން ދިވެހިންނަށް

24 މާޗް 2019

"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމްގެ ތާއީދާ އެކު މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކިބައިން އެމަނިކުފާނު މިރޭ އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން އދ. މާމިގިލިން މުހައްމަދު ޔާމީން

"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމްގެ ތާއީދާ އެކު މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކިބައިން އެމަނިކުފާނު މިރޭ އެދިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީން، ގާސިމްގެ އުފަން ރަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވަނީ ކެމްޕެއިން ޝިއާރުގެ އިތުރުން އިންތިޚާބުގައި ބޭނުންކުރާނެ ލަވަ ވެސް ލޯންޗުކޮށްފަ އެވެ.

ޝިއާރާއި ލަވަ ލޯންޗުކޮށްދެއްވީ ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމެވެ.

ކެމްޕެއިންގައި ބޭނުން ކުރާނެ ލަވައަކީ "ދިވެހި ބިން މިއީ އުފަން މަގޭ ބިން" މި ލަވަ އެވެ. މި ލަވައަކީ ކުރީއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ގައުމީ ލަވައެކެވެ.

ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ދެ ނައިބު ރައީސް، އަބްދުﷲ ޖިހާދާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޕާޓީތަކުން ޝިއާރާއި ލަވަ ބޭނުން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކެންޑިޑޭޓުން ކެމްޕެއިން ކުރައްވާއިރު، އެ ބޭނުން ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން އެ ސަބަބަށްޓަކައި މަޖިލިހަށް ކުރިމަތިލައިގެން މިތިބީ. މި މަތިވެރި އަޒުމްގައި އަޅުގަނޑުމެން ކުރިމަތިލަނީ،" ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

ގިނަ ބަޔަކާ އެކު މި ރަށުގައި ބޭއްވި ޖަލްސާގައި ވަނީ ގާސިމްގެ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ އެވެ.

ޖުމްހޫރީ ޕާޓީން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

މަޖިލިސް އިންތިޚާބަށް ގާސިމް އިސްވެ ހުންނަވައި، އާ ޝިއާރެއް ތައާރަފް ކުރެއްވި އިރު، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުން އަންނަނީ "އެޖެންޑާ 19" ގެ ދަށުންނެވެ. އެއީ، މަޖިލީހުން ހައްލު ހޯދަން އެ ޕާޓީން ހުށަހަޅާން ނިންމާފައިވާ ސިޔާސަތުތަކުގެ އަދަދެވެ.

މީގެއިތުރުން، "މާއްދާ 4" ޝިއާރެއްގެ ގޮތުގައި ކަނޑައަޅައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ވަނީ ފަށައިފަ އެވެ.

މާމިގިލީގައި ބޭއްސި ޖަލްސާގައި ގާސިމް އިބްރާހިމްގެ ދެކަނބަލުން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

މާމިގިލީގައި ބޭއްސި ޖަލްސާގައި ގާސިމް އިބްރާހިމްގެ ދެކަނބަލުން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ގާނޫނުއަސާސީގެ މާއްދާ 4 އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލިހާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވައިލި އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިޔެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލު ތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.