Roadha Mihaaru
"އެހެނަސް" ގެ ޓީޒާ ދައްކާލައިފި

ވެބް ސީރީޒް "އެހެނަސް" ގެ ޓީޒާ ދައްކާލައިފި

25 މާޗް 2019

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށް ބިނާކޮށް ހަދާ ވެބް ސީރީޒް "އެހެނަސް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށް ބިނާކޮށް ހަދާ ވެބް ސީރީޒް "އެހެނަސް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ދެ ސީޒަނަކަށް ބަހާލައިގެން ރަވީ ފާރޫގް ޑައިރެކްޓްކުރާ ސިލްސިލާ ފުރަތަމަ ސީޒަނުގެ 40 ޕަސެންޓް ޝޫޓިން ނިންމާލާފައިވާ އިރު، މި ސްޓްރީމްކުރާނީ ބައިސްކޯފް އެފުންނެވެ. އަންނަ މަހުގެ ތެރޭގައި "އެހެނަސް" ގެނެސްދޭން ފަށާނެ ކަމަށްވެ އެވެ.

މިއީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.

"އެހެނަސް" ގެ ޓީޒާ ޓްރެއިލާ.

މި ވާހަކަ ވެބް ސީރީޒެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ އިރު، ބަތަލުގެ ރޯލުން ފެނިގެން ދާނީ ޒުވާން އައު އެކްޓަރެކެވެ. އެކަމަކު އޭނާއަކީ ކުރިން ވީޑިއޯ ލަވައަކުން ފެނިފައިވާ އެކްޓަރެކެވެ.

"އެހެނަސް" ގައި ގިނަ ފަންނާނުންތަކެއް ތައާރަފުކުރަން ނިންމާފައިވާ އިރު، މީގެ ރޯލްތަކުން ދެމަފިރިން ކަމަށްވާ ޝީލާ ނަޖީބާއި މުހައްމަދު މަނިކު ވެސް ފެނިގެން ދާނެ އެވެ.

ކުރިން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން އުޅުނު "އެހެނަސް" އަކީ ދެ ސީޒަނަކަށް ޖުމްލަ 20 އެޕިސޯޑާ އެކު ގެނެސް ދޭނެ ސީރީޒެއް ކަމަށް މީގެ ލިޔުންތެރިޔާ ކުރިން ބުނެފައިވެ އެވެ. ކޮންމެ ސީޒަނެއްގައި ހިމެނޭނީ 10 އެޕިސޯޑެވެ.