Roadha Mihaaru
ވެބް ސީރީޒް "އެހެނަސް" އޮލިމްޕަހަށް

ވެބް ސީރީޒް "އެހެނަސް" އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަނީ

14 ޖުލައި 2019

ބައިސްކޯފުން ސްޓްރީމް ކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "އެހެނަސް" ސްޓްރީމް ކުރުމުގެ ކުރިން މީގެ އެޕިސޯޑްތަކެއް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައިސްކޯފުން ސްޓްރީމް ކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "އެހެނަސް" ސްޓްރީމް ކުރުމުގެ ކުރިން މީގެ އެޕިސޯޑްތަކެއް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.

ރަވީ ފާރޫގް ޑައިރެކްޓްކުރާ ސީރީޒް އަންނަ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ އިރު، އެރޭ "އެހެނަސް" ގެ ފަސް އެޕިސޯޑް ބޮޑު ސްކްރީނުން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެ ޝޯގެ ލިމިޓެޑް ސީޓްތަކަށް ޓިކެޓް ހޯދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

"އެހެނަސް" އަކީ ލިޔުންތެރިޔާ އަހުމަދު އިގްބާލް މީގެ 12 އަހަރު ކުރިން ގެނެސް ދިން ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. މީގައި ކިޔައި ދެނީ ކުޑައިރުއްސުރެ ގެވެށި އަނިޔާ އާއި ޖިންސީ ޝިކާރައަކަށްވާ ފިރިހެނެއްގެ ވާހަކަ އެވެ.

"އެހެނަސް" އޮލިމްޕަހުގައި ޕްރިމިއާ ކުރާނީ އަންގާރަ ދުވަހުގެ ރޭ.

ސީރީޒްގެ ލީޑް އެކްޓަރަކީ މީގެ ކުރިން ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ މުހައްމަދު ވިޝާލެވެ. އަދި އޭނާއާ އެކު "އެހެނަސް" ގެ ކާސްޓުން ވަރަށް ގިނަ އާ މޫނުތަކެއް ފިލްމީ ދާއިރާ އަށް ތައާރަފުވާނެ އެވެ.

މީގެ އިތުރުން މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ދެ ތަރިން އަދި ދެމަފިރިން ކަމަށްވާ ޝީލާ ނަޖީބާއި މުހައްމަދު މަނިކު ވެސް ފެނިގެން ދާނެ އެވެ.

"އެހެނަސް" ގެ ޓްރެއިލާ.

އިގްބާލްގެ އައިކިއު ޕްރޮޑަކްޝަނާއި އާރް2އެންޑްޒީ ޕްރޮޑަކްޝަން އަދި އާރް ސްކްއާޑް ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "އެހެނަސް" ބެލުންތެރިންނަށް ގެނެސް ދޭނީ ދެ ސީޒަނެއްގެ ގޮތުގަ އެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި ހިމެނޭނީ 10 އެޕިސޯޑް ހިމެނޭނެ ކަމަށް މީގެ ޓީމުން ބުނެފައިވެ އެވެ.

އޮލިމްޕަހުގައި "އެހެނަސް" ޕްރިމިއާ ކުރުމަށް ފަހު، އަންގާރަ ދުވަހުގެ ރެއިން ފެށިގެން ބައިސްކޯފް އެޕުން ވެސް ސީރީޒް ސްޓްރީމް ކުރަން ފަށާނެ އެވެ.