Roadha Mihaaru
"އެހެނަސް"ގެ ކާސްޓާއި ރަސްމީ ޓްރެއިލާ ދައްކާލައިފި

"އެހެނަސް"ގެ ކާސްޓާއި ރަސްމީ ޓްރެއިލާ ދައްކާލައިފި

21 އެޕްރީލް 2019

ދިވެހި ފިލްމުތަކާއި ޑްރާމާތަކަށް ލޯބިކުރާ މީހުންނަށް ތަފާތެއް ދައްކައިދޭނެ ކަމަށް ބެލެވޭ "އެހެނަސް" ގެ ކާސްޓް ތައާރަފްކޮށް، ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހި ފިލްމުތަކާއި ޑްރާމާތަކަށް ލޯބިކުރާ މީހުންނަށް ތަފާތެއް ދައްކައިދޭނެ ކަމަށް ބެލެވޭ "އެހެނަސް" ގެ ކާސްޓް ތައާރަފްކޮށް، ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ރަވީ ފާރޫގް ޑައިރެކްޓް ކުރާ މި ސީރީޒްގެ މައިގަނޑު ވާހަކައަކީ ރަނޑު ފިރިހެނަކަށް މުޖުތަމައު ތެރެއިން ކުރިމަތިވާ ކަންތައްތަކެކެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ މީގެ 12 އަހަރު ކުރިން ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) ލިޔުނު ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށެވެ.

މި ވެބް ސީރީޒްގެ ޓީޒާއެއް ކުރިން ދައްކައިލުމަށް ފަހު، ރަސްމީ ޓްރެއިލާ ވެސް މިހާރު މިއޮތީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. މީގެ ޓީމުން ބުނާ ގޮތުގައި މާ ލަސްތަކެއް ނުވެ ބައިސްކޯފް އެޕުން "އެހެނަސް" ސްޓްރީމް ކުރަން ފަށާނެ އެވެ.

"ޓީޒާއިން ފެނުނުހެން މީގައި އުޅޭ ކެރެކްޓާއަކީ ރަނޑެއް. މީގެން ދައްކުވައި ދޭން ބޭނުން ވަނީ އެ މީހުން އަމިއްލަ އަށް ޗޫޒްކޮށްގެން ރަނޑުންނަށް ވަނީ ނޫންކަން،" ޓްރެއިލާ ލޯންޗް ކުރަން ރޭ ބޭއްވި އިވެންޓްގައި ރަވީ ބުންޏެބެ. "އެހެންވީމަ އެބަޖެހޭ މީހުން، އެ މީހުން ވެސް އެކްސެޕްޓްކުރަން."

އަސަރުގަދަ އަދި އުންމީދު ނުކުރާ ކަހަލަ ހާދިސާތަކެއް ކިޔައިދޭނެ މި ސީރީޒްގެ އެންމެ ހާއްސަ އެއް ކަމަކީ އާ ގިނަ މޫނުތަކެއް ފިލްމީ ދާއިރާ އަށް ތައާރަފްކުރާތީ އެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކު ފިޔަވައި "އެހެނަސް" ގެ ކާސްޓްގެ 99 ޕަސަންޓަކީ އަލަށް ތައާރަފުވާ އެކްޓަރުންނެވެ.

މީގެ އެންމެ މުހިއްމު ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ފިލްމު "ބޮސް" އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ އަދި އަލީ އުސާމް ހިމެނެ އެވެ.

ލިޔުންތެރިޔާ އިގްބާލްގެ އައިކިއު ޕްރޮޑަކްޝަނާއި އާރް2އެންޑްޒީ ޕްރޮޑަކްޝަން އަދި އާރް ސްކްއާޑް ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "އެހެނަސް" ބެލުންތެރިންނަށް ގެނެސް ދޭނީ ދެ ސީޒަނެއްގެ ގޮތުގަ އެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި ހިމެނޭނީ 10 އެޕިސޯޑެވެ.