Roadha Mihaaru
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް

ޔޫއްޕެގެ "ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް

23 ޑިސެމްބަރ 2020

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް މިހާރު ޝޫޓިން ވެސް ނިންމާލާފައި އޮތް ސީރީޒް "ހުވާކޮށްފާ ބުނަން" ގެ ފުރަތަމަ ސީޒަން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް މިހާރު ޝޫޓިން ވެސް ނިންމާލާފައި އޮތް ސީރީޒް "ހުވާކޮށްފާ ބުނަން" ގެ ފުރަތަމަ ސީޒަން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

ބައިސްކޯފަށް ސީރީޒް ގެންނަން ނިންމި ނަމަވެސް ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ހުވާކޮށްފާ ބުނަން" އަކީ ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ސީރީޒް ވެސް މެ އެވެ. މި ސީރީޒްގެ ކާސްޓްގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ތަރިންނާއި މި ފަހުން ދާއިރާ އަށް ނުކުމެ، މަގުބޫލުކަން ހޯދަމުން އަންނަ އާ މޫނުތަކެއް ވެސް ފެންނާނެ އެވެ.

އެގޮތުން "ހުވާކޮށްފާ ބުނަން" ގެ ކާސްޓްގައި އަހުމަދު ސައީދާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އަލީ އާޒިމް (ދޮންއައްޔަ) އާއި މުހައްމަދު ފައިސަލާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން މަރިޔަމް ޝިފާ އާއި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ ޖަލީލާއި އިބްރާހީމް ޝާފިއު (ފުބޫ) ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޓްރެއިލާ ވެސް ދައްކައިލި "ހުވާކޮށްފާ ބުނަން" އަކީ ޔޫއްޕެ ތިން ސީޒަނަކަށް ގެނެސްދޭން ޕްލޭންކޮށްފައި އޮތް އެއްޗެކެވެ. ކޮންމެ ސީޒަނެއްގައި ހިމެނޭނީ 26 އެޕިސޯޑެވެ.

ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި ރޮމޭންޓިކް ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އާއި ބިރުވެރި ފިލްމު "ކަޅަކި" ހިމެނެ އެވެ.

ބައިސްކޯފުން އެންމެ ފަހުން ނިންމައިލި އާ ސީރީޒަކީ މޫމިން ފުއާދު ގެނެސްދިން 13 އެޕިސޯޑްގެ "ގަމިނި" އެވެ. އެ ޕްލެޓްފޯމްގެ އޮރިޖިނަލްސްގެ ގޮތުގައި ގެނެސްދިން މަގުބޫލު އުފެއްދުންތަކުގެ ތެރޭގައި ފާތުމަތު ނަހުލާ ގެ "ހުވާ" އާއި ރަވީ ފާރޫގްގެ "އެހެނަސް" ގެ އިތުރުން މުހައްމަދު މުންތަސިރު (މުންކޮ) ގެ "ކަރުހަކުރު" ހިމެނެ އެވެ.