Roadha Mihaaru
ފްރާންސްގެ ލަނޑު ލިސްޓުގެ ތިން ވަަނަ ޖިރޫޑް އަށް

ފްރާންސްގެ ލަނޑު ލިސްޓުގެ ތިން ވަަނަ ޖިރޫޑް އަށް

26 މާޗް 2019

ޕެރިސް (މާޗް 26) - ޔޫރޯ ކޮލިފައިންގައި ރޭ އައިސްލޭންޑް އަތުން ފްރާންސް 4-0 އިން މޮޅުވި މެޗުގައި އޮލިވިއޭ ޖިރޫޑް ކާމިޔާބުކުރި ގޯލާ އެކު ފްރާންސް ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް އޭނާ އަށް ލިބިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މާޗް 26) - ޔޫރޯ ކޮލިފައިންގައި ރޭ އައިސްލޭންޑް އަތުން ފްރާންސް 4-0 އިން މޮޅުވި މެޗުގައި އޮލިވިއޭ ޖިރޫޑް ކާމިޔާބުކުރި ގޯލާ އެކު ފްރާންސް ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް އޭނާ އަށް ލިބިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ޖިރޫޑް ވަނީ ފްރާންސަށް މިހާތަނަށް ކުޅެދިން 89 މެޗުން 35 ލަނޑު ޖަހައިފަ އެވެ. ޖިރޫޑަށް ވުރެން ގިނައިން ފްރާންސަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިންނަކީ 41 ގޯލު ޖަހާފައިވާ މިޝެލް ޕްލެޓިނީ އާއި 51 ގޯލު ޖަހާފައިވާ ތިއަރީ އޮންރީ އެވެ. ޖިރޫޑަކީ މި ވަގުތު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ޖޯޒީއެއް ލައިގެން ރޭގެ މެޗުގައި އެ ޓީމުން ކުޅުނިއިރު ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނިޓްގައި ޖެހީ ސެމިއުލް އުމްޓީޓީ އެވެ. އެ ޓީމުން އަނެއް ތިން ގޯލު ދެ ވަނަ ހާފްގައި ކާމިޔާބުކުރިއިރު، ލީޑުފުޅާކޮށްދިނީ ޖިރޫޑް އެވެ. އަނެއް ދެ ގޯލު ޖެހީ އެންޓޮއިން ގްރީޒްމަން އާއި ކިލިއަން އެމްބާޕޭ އެވެ.

"ވަކި ރެކޯޑަކަށް ޓާގެޓެއް ނުކުރަން އަހަރެން އެންމެ ބޭނުންވަނީ އަބަދުވެސް ޓީމަށް ކުޅެ ޓީމު މޮޅުކޮށްދޭން،" ޗެލްސީ އަށް ކުޅެމުން އަންނަ ޖިރޫޑް ރޭގެ މެޗަށް ފަހު ބުންޏެވެ.

ރޭ ކޮލިފައިންގައި އިންގްލެންޑް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި މޮންޓަނެގްރޯ އަތުން 5-1 އިން މޮޅުވެފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި މޮންޓަނެގްރޯގެ މާކޯ ވެސޯވިޗް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އިންގްލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

ޗެލްސީގެ ޒުވާން ތަރި ކަލުމް ހަޑްސަން-އޮޑޯއި އާއި ވެސްޓް ހޭމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެކްލަން ރައިސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މި މެޗުގައި އިންގްލެންޑުން ވިދާލީ ޗެލްސީގެ މިޑްފީލްޑަރު ރޮސް ބާކްލޭ އެވެ. އޭނާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން އެހެން ލަނޑެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. އިންގްލެންޑްގެ އަނެއް ތިން ގޯލު ޖެހީ ރަހީމް ސްޓާލިން އާއި ހެރީ ކޭން އަދި މައިކަލް ކީން އެވެ.

މިއީ 1984 ވަނަ އަހަރަށް ފަހު އިންގްލެންޑުން ފަސް ލަނޑު ޖަހައިގެން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅު ހޯދަން ޓީމުން ކުރި މަސައްކަތް ފާހަގަކޮށް އުފާކުރާ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނި ނަމަވެސް އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އެއީ މޮންޓަނެގްރޯގެ ބައެއް ސަޕޯޓަރުން އިންގްލެންޑްގެ ބައެއް ކުޅުންތެރިންނާ ނަސްލީ ގޮތުން މެޗު ތެރެއިން ދިމާކޮށްފައިވާތީ އެވެ.