Roadha Mihaaru
ސިޓީ ކައުންސިލްގެ ބާރުތައް އަލުން ކަނޑައަޅުއްވައިފި

ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ޚިދުމަތްތައް ރައީސް އަލުން ކަނޑައަޅުއްވައިފި

19 ޑިސެމްބަރ 2018

ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މިއަދު ކަނޑައަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މިއަދު ކަނޑައަޅުއްވައިފި އެވެ.

ލާ މަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި އެ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. ކުރީގެ ސަރުކާރުގައި ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކުގެ ގިނަ ބާރުތަކާއި ޚިދުމަތްތަކެއް ސަރުކާރުގެ އެކި އިދާރާތަކުގެ ދަށަށް އޮތީ ބަދަލުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން ރައީސް ކަނޑައެޅުއްވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ އިގްތިސާދީ އަދި އިޖްތިމާއި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަޅާއި ފަރުތައް ކުއްޔަށް ދޫކުރުމާއި އެފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ދަށުން ޚިދުމަތް ދޭ ތަންތަނާއި އުޅަނދުފަހަރާއި މަގުތަކާއި ޕާކް ފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލު ކުރުމުގެ އިތުރުން މަގުތަކާއި ޕާކްތަކާއި މައިދާންތައް ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކުގެ ބާރުތަކުގެ ތެރޭގައި ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި ބިންތަކާ ބެހޭ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުމާއި ވިހައި އަދި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން އެ ސިޓީއެއްގައި އުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި މަގުތައް ހެދުމާއި މަރާމާތުކޮށް، ބެލެހެއްޓުމެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ލިބިފައި އޮތީ މާލޭގެ އިތުރުން އައްޑޫ އަދި ފުވައްމުލަކަށެވެ. ކައުންސިލްތަކުގެ ބާރު އަނބުރާ ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.