Roadha Mihaaru
އާގު ބޯޓަށް ނެގި ރެފިއުޖީން ބޯޓު ހައިޖެކްކޮށްފި

އާގު ބޯޓަށް ނެގި ރެފިއުޖީން ބޯޓު ހައިޖެކްކޮށްފި

28 މާޗް 2019

ޓްރިޕޮލީ (މާޗް 28) - ލީބިއާގެ ކަނޑުގެ ސަރަހައްދުން އާގު ބޯޓަކަށް ނެގި ރެފިއުޖީންތަކެއް އެންމެ ފަހުން އެ ބޯޓު ހައިޖެކްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރިޕޮލީ (މާޗް 28) - ލީބިއާގެ ކަނޑުގެ ސަރަހައްދުން އާގު ބޯޓަކަށް ނެގި ރެފިއުޖީންތަކެއް އެންމެ ފަހުން އެ ބޯޓު ހައިޖެކްކޮށްފި އެވެ.

ގާތްގަނޑަށް 100 ރެފިއުޖީން ވަނީ ކަނޑު މަތިން ބޯޓަށް ނަގައިފަ އެވެ. އެއީ މޯލްޓާ އަށް ދާން އުޅުނު ބައެކެވެ. ނަމަވެސް އާގު ބޯޓުން އުޅުނީ އެ މީހުން އަނބުރާ ލީބިޔާ އަށް ގެންދާށެވެ. އެހެންވެ ރެފިއުޖީން ވަނީ ބޯޓު ހިސޯރު ކުރުމަށް ފަހު އެ މީހުން ބޭނުންވާ މަންޒިލަށް ބޯޓު ގެންދަން މަސައްކަތް ކޮށްފަ އެވެ.

މޯލްޓާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެ ބޯޓު އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދޭނެ ކަމަށެވެ. އަދި ބޯޓު ހައިޖެކް ކުރީ ކަނޑުފޭރޭ މީހުން ކަމަށް މޯލްޓާ އިން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގި އިރު ޔޫރަޕިއަން ޔޫނިއަން އިން ވަނީ މެޑިޓެރޭނިއަން އަށް ކަނޑަށް ސިފައިންގެ ޕެޓްރޯލް ބޯޓުތައް ފޮނުވުން ހުއްޓާލައިފަ އެވެ. އީޔޫ އިން ބުނެފައި ވަނީ އެގޮތަށް ނިންމީ އިޓަލީން އެދިގެން ކަމަށެވެ. މެޑިޓެރޭނިއަން ޕެޓްރޯލް ކުރަން އީޔޫ އިން ފެށީ މީހުން ސްމަގްލް ކުރުން ހުއްޓުވުމަށާއި ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރާ ރެފިއުޖީން ހުއްޓުވުމުގެ ގޮތުންނެވެ. ކަނޑު މަތިން މީގެ ކުރިން ވަނީ އެތައް ރެފިއުޖީންނެއް ސަލާމަތްކޮށްފަ އެވެ.

މިދިޔަ އަހަރު ޔޫރަޕަށް އެތެރެވާން 60،000 ރެފިއުޖީން ވަނީ މަސައްކަތްކޮށްފަ އެވެ.