Roadha Mihaaru
ގްރީސްގެ ބޯޓެއް ބަންޑުންޖަހާލައި 79 މީހުން މަރުވެއްޖެ

ގްރީސްގެ ބޯޓެއް ބަންޑުންޖަހާލައި 79 މީހަކު މަރުވެއްޖެ

15 ޖޫން 2023

އެތެންސް (ޖޫން 15) - ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ދަތުރުކުރި ގްރީސްގެ މަސް ބޯޓެއް އިއްޔެ ބަންޑުން ޖަހާލައި އެއިން ދަތުރު ކުރި އެތައް ސަތޭކަ މީހުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މަރުވެ، ވީނުވީއެއް ނޭނގި އެތައް ބަޔަކު ގެއްލިއްޖެ އެވެ.

އެތެންސް (ޖޫން 15) - ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ދަތުރުކުރި ގްރީސްގެ މަސް ބޯޓެއް އިއްޔެ ބަންޑުން ޖަހާލައި އެއިން ދަތުރު ކުރި އެތައް ސަތޭކަ މީހުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މަރުވެ، ވީނުވީއެއް ނޭނގި އެތައް ބަޔަކު ގެއްލިއްޖެ އެވެ.

ގްރީސްގެ ކޯސްޓް ގާޑް ސިފައިން ބުނި ގޮތުގައި އެ ބޯޓު ބަންޑުން ޖަހައިލީ އެ ގައުމުގެ ހުޅަނގު ދެކުނު އައްސޭރިން ފެށިގެން 50 މޭލު ދުރުންނެވެ. ބޯޓު ބަންޑުންޖަހައިލިކަން އިއްޔެ މެންދުރު ފަހު އެނގުމާއެކު، މީހުން ސަލާމަތް ކުރުމަށް ކޯސްޓް ގާޑްގެ އުޅަނދެއް އެ ސަރަހައްދަށް ގޮސް 100 މީހަކު ވަނީ ކަނޑުމަތިން ނަގައިފަ އެވެ.

ގަދަ ކަނޑުގެ ތެރޭގައި އެ ބޯޓު ދަތުރު ކުރަމުން ދަނިކޮށް، ޔޫރަޕިއަން ޔޫނިއަންގެ ސަރަހައްދު ބަލަހައްޓާ މަތިންދާބޯޓަކަށް، މިދިޔަ އަންގާރަ ދުވަހު އެ ބޯޓު ފެނުނު އިރު، ބޯޓުގެ ތައްޓުމަތީގައި ފެންނަން ތިބި މީހުންގެ ތެރެއިން އެކަކުގެ ގައިގައި ވެސް ލައިފް ޖެކެޓެއް ނެތެވެ. އަދި އެ ބޯޓު ދަތުރުކުރަމުން ދިޔައީ މޫސުން ގޯސް ސަރަހައްދަކުން ކަމަށްވާތީ، އެއްވެސް އެހީއެއް ބޭނުންތޯ ގްރީސްގެ ކޯސްޓް ގާޑުން، އެތައް ފަހަރަކު ބޯޓަށް އެންގި އެވެ.

ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ބޯޓުން ޖަވާބު ދިނީ، އިޓަލީ އަށް ދިއުން ނޫން އިތުރު ކަމެއް ބޭނުން ނޫން ކަމަށެވެ. އެހެންކަމުން ގްރީސްގެ ކޯސްޓް ގާޑްގެ ފަރާތުން އެ ބޯޓަށް އެހީތެރިކަމެއް ނުދޭ ކަމަށް ގްރީސް ސަރުކާރުން ބުންޏެވެ.

އޭގެ ފަހުން ވެސް އިއްޔެ ވެސް އެކި ފަހަރު މަތިން ރޭޑިއޯ ސެޓްގެ ޒަރީއާއިން އެ ބޯޓާ މުއާމަލާތު ކުރެވުނު ކަމަށް ގްރީސް ކޯސްޓް ގާޑުން ބުންޏެވެ. އަދި މެންދުރު ފަހު 1:40 ހާއިރު އެ ބޯޓުގެ އިންޖީނު ހުއްޓުނު ކަމަށް، ބޯޓުގައި ހުރި ކޮންމެވެސް މީހަކު ރޭޑިއޯ ސެޓުން އެންގި އެވެ.

ބޯޓުން އެ މެސެޖް ފޮނުވިތާ 15 ވަރަކަށް މިނެޓްގެ ތެރޭގައި ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ކަމަށް، އެ ބޯޓުން ސަލާމަތްވި ބައެއް މީހުން ބުންޏެވެ. އެ މެސެޖް ލިބުމާއެކު މީހުން ސަލާމަތް ކުރުމަށް ކޯސްޓް ގާޑްގެ އުޅަނދުތައް ފުރުވައިލި ނަމަވެސް، ވައި ބާރުކަމުންނާއި ކަނޑު ގަދަކަމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ގްރީސް ކޯސްޓް ގާޑުން ބުންޏެވެ.

ބެލެވޭ ގޮތުގައި އެ ބޯޓު ދަތުރު ކުރީ ލީބިޔާ އިން ފުރައިގެން އިޓަލީ ވިލާތަށެވެ. އެ ބޯޓު ލީބިޔާ އިން ފުރައިގެން ދަތުރުކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބެލެވޭ އިރު، މޯލްޓާގެ އާގުބޯޓެއް މިދިޔަ އަންގާރަ ދުވަހު އެ ބޯޓާ ކައިރިކޮށް، ކާބޯތަކެއްޗާއި ބޯފެން ދިނެވެ.

ސަލާމަތްވި ބައެއް މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެ ބޯޓުގައި 500-700 މީހުން ތިބޭނެ އެވެ. އެ އެންމެންނަކީ ވެސް މީހުން ޓްރެފިކް ކުރާ ގުރޫޕަކުން، ވިޔަފާރި އުސޫލުން އިޓަލީ އަށް ފޮނުވި ބައެކެވެ. އެ ބޯޓުން ދަތުރުކުރީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ސަލާމަތްވި މީހުންގެ ތެރެއިން، މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ވަނީ ގްރީސް ސަރުކާރުން ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.