Roadha Mihaaru
އޮޑިޓް ރިޕޯޓުގައި އަންގާ ގޮތަށް އަމަލުކުރާނަން: އަމީރު

އޮޑިޓް ރިޕޯޓުގައި އަންގާ ގޮތަށް އަމަލު ކުރާނަން: އަމީރު

28 މާޗް 2019

އޮޑިޓް ރިޕޯޓެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް އަންގައިފި ނަމަ އެ ގޮތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮޑިޓް ރިޕޯޓެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް އަންގައިފި ނަމަ އެ ގޮތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އޮޑިޓްނާމާގެ ނަމުގައި އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ، ފާއިތުވެދިޔަ މުއްދަތުގައި ގިނަ އޮޑިޓް ރިޕޯޓުތަކެއް އާންމުކޮށްފައިވާ ކަމަށާއި އެކި މުއައްސަސާތަކުގައި ހުރި މައްސަލަތަކާއި ނުހައްގުން މަންފާ ހޯދުމަށް މަސައްކަތްކޮށްފައިވާ ހުރި މައްސަލަތައް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ލިބެންޖެހޭ އެ ފައިސާތައް ހޯދިފައިވަނީ ކިހާވަރަކަށްތޯ ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަނީ އޮޑިޓް ރިޕޯޓެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އަންގައިފި ނަމަ އެކަމެއް އެގޮތަކަށް ކުރާނެކަން. އެފަދަ މައްސަލައެއްގައި މައްސަލަ ހުށަހެޅޭ މީހާގެ މަސްލަހަތަށް އަޅުގަނޑުމެން ނުބަލާނަން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށާއި ސަރުކާރުން ހުރިހާ މުއައްސަސާއެއް ހިންގާނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެފަދަ ނިޒާމެއް ގާއިމް ކުރުމުން ސަރުކާރަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވެސް ބޮޑުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުތައް ފަސޭހަ އިން ލިބޭ ގޮތް ހެދުމުން އެކަމުގެ ފައިދާ ހުރިހާ ފަރާތްތަކަށް ކުރާނެ ކަމަށާއި ހާއްސަކޮށް ދިރާސާ ކުރާ ފަރާތްތަކަށް އެ މައުލޫމާތުތަކުގެ ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކުންފުނިތަކުގެ ތަފާސް ހިސާބުތަކާ ގުޅޭ ފޮތާއި އޮޑިޓްނާމާ ތާރީހީ ފޮތް ވެސް ވަނީ ނެރެފަ އެވެ.