Roadha Mihaaru

ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދާތީ އިތުރު ސްކޫލެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 އޯގަސްޓް 2016

ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދާތީ އިތުރު ސްކޫލެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ލިޓްލް ޖެމްސް ޕްރީސްކޫލް ކައިރީގައި އޮންނަ ހުސްބިމުގައި އަޅަން ނިންމާފައި ވަނީ ގާތްގަނޑަކަށް 1600 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހުންނަ ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، ރެހެންދި ސްކޫލާ ދާދި އެއްވަރުގެ ސްކޫލެކެވެ.

އަލަށް އަޅަން ހަމަޖައްސާފައިވާ ސްކޫލުގައި ގްރޭޑް 1-12 އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށައި އަންނަ އަހަރު އެ ސްކޫލު ހުޅުވަން މަސައްކަތް ކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިހާރު ވެސް އެ ރަށުގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، ދެ ވަނަ ފިޔަވައްސާ އެކު އެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ހުޅުމާލޭގައި މިހާރު ވެސް ޕްރީސްކޫލަކާއި ސަރުކާރުގެ ދެ ސްކޫލާއި އިންޓަނޭޝަނަލް ސްކޫލެއް އެބަހުއްޓެވެ.