Roadha Mihaaru
ޖަމީލް، މަގާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

ނައިބު ރައީސްގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް

04 އެޕްރީލް 2019

ރައްޔިތުންގެ ވޯޓަކުން ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ދުރުކުރީ ދޮގު އިލްޒާމްތަކަކާ އެކު ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ ވޯޓަކުން ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ދުރުކުރީ ދޮގު އިލްޒާމްތަކަކާ އެކު ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް 2015 ގައި މަގާމުން ދުރުކުރީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތާ އެކުގަ އެވެ. އޭރު އިދިކޮޅު ޕާޓީތައް (މިހާރު ސަރުކާރު ކޯލިޝަން) އިން މެއި 1، 2015 ގައި ކުރި މުޒާހަރާއާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާ ގުޅުވައިގެން ވެސް ޖަމީލަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ.

އެ ތުހުމަތުތަކާ އެކު މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނިކޮށް، ބޭސްފަރުވާ އަށް ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިނުގެން އިނގިރޭސިވިލާތުގައި މަޑުކުރެއްވީ އެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކުރަމުން ދިޔަ އެ ދަނޑިވަޅުގައި ރާއްޖެ ވަޑައިނުގަތީ، ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ވެސް ހައްޔަރުކުރަން ސަރުކާރުން ރާވާފައި އޮތުމުންނެވެ.

ޖަމީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިން ބާރު ވަކިކޮށްފައި އޮތް ރިޔާސީ ނިޒާމުގެ އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. އޭރު، މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޕީޕީއެމަށެވެ. އަވަސްއަރުވާލައިގެން މަޖިލީހުން މައްސަލަ ނިންމާލީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއްވެސް އިޖުރާއަތަކަށް، އުސޫލަކަށް ބެލުމެއް ނެތި ކަމަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް އެމަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. އެ މައްސަލައާ ވިއްދައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެމަނިކުފާނުގެ ގިނަ ހައްގުތަކެއް ވެސް ނިގުޅައިގަތް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނީ އަދި ދުސްތޫރީ ގޮތުން ބަލާއިރު ވެސް އެ މައްސަލައިގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"ގާނޫނުއަސާސީގައި ވަކި ގޮތަކަށް ސާފުކޮށް ބަޔާންކޮށްފައި އޮއްވައި މުޅިން ޚިލާފަށް އަމަލުކޮށްގެން އަޅުގަނޑު މަގާމުން ވަކިކުރީ. އަޅުގަނޑަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދޭ. ވަކީލަކު ބޭނުންކުރުމަކީ އެއްކިބާ ކުރެވޭނެ ފުރުސަތެއް ނޫން، އެކަމަކު އެ ހައްގު ވެސް ނިގުޅައިގަނެ ގާނޫނުއަސާސީގެ 100 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފުވީ،" މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު މަގާމުން ދުރުކުރި ގޮތަކީ ދުސްތޫރީ އަދި ގާނޫނީ ހައްލުތަކެއް ހޯދަން ޖެހޭ މައްސަލައެކެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ އެހެންވެ ކަމަށް ވިދާޅުވި އެވެ.