Roadha Mihaaru
"ޖަމީލު ވަކިކުރީ މަޖިިލީހުން، ކޯޓަށް ބަސް ނުބުނެވޭނެ"

ޖަމީލު ވަކިކުރުމަކީ މަޖިލީހުގެ ނިންމުމެއް، ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެ: ދައުލަތް

22 ފެބުރުއަރީ 2021

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ އެކަމާ މެދު ކޯޓަށް ބަސް ނުބުނެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ އެކަމާ މެދު ކޯޓަށް ބަސް ނުބުނެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން، 2015 ގައި ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުުބާރު ނެތްކަމުގެ ވޯޓަކުން ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކޮށެވެ. އެ މައްސަލަ ޖަމީލުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2019 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ގާނޫނުއަސާސީ އޮތްގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ އިޖުރައާތުތައް ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. ޖަމީލު މަގާމުން ވަކިކުރުމުގައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައީ މަޖިލީހުން ކަމަށް ވާތީ، އެ ކަމާ މެދު ކޯޓަށް ބަސް ނުބުނެވޭނެ ކަމަށާއި އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ޖަމީލު އެދިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުން މި ފަހަރު ނިންމައިފި ނަމަ، އެއީ ގާނޫނާއަސާސީއާ ޚިލާފު ނިންމުމަކަށް ވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ނައިބު ރައީސަކު ވަކި ކުރާއިރު، ރައީސުލްޖުމްހޫރިއްޔާގެ ބަހެއް އޮންނާކަށް ނުޖެހޭނެ އެވެ. އެ ހިސާބުން ނައިބު ރައީސް ނާގާބިިލުވީ ކަމަށް ކަނޑައެޅުނީ ކަމަށާއި އެ މަރުހަލާގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބަހެއް އޮތުން ގާނޫނުއަސާސީ ލާޒިމް ނުކުރާ ކަމަށާއި ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގެ ވިސްނުމަކީ އެއީ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޖަމީލު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 61 މެމްބަރުންގެ ސޮޔާ ކަމަށް ވާއިރު، އޭގެ ތެރޭގައި އެމްޑީީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ. އެ މަނިކުފާނު މަގާމުން ވަކިކުރަން 78 މެމްބަރުން ވޯޓު ދެއްވި ކަމަށާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންކަން ދައުލަތުން ފާހަގަކުރި އެވެ. ގާނޫނާ ޚިލާފު އިޖުރައާތެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ މަޖިލީހުގެ އެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ވެސް މެމްބަރަކު ނަންގަވާފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ޖަމީލަށް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެ ފުރުސަތު ދޫކޮށްލައްވައި، ވަކީލަކު ފޮނުވަން ނިންމެވީ ޖަމީލް އަމިއްލަފުޅަށް ކަމަށާއި އެކަމަކު ވަކީލަކު އެކަނި ފޮނުވައިގެން ޖަވާބުދާރީވުމަކީ ގާނޫނުއަސާސީގެ ރޫހެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. ވަކީލު މެދުވެރިކޮށް މަޖިލީހަށް ޖަމީލު ފޮނުއްވި ލިޔުން މަޖިލީހުން ބަލައިނުގަތީ އެ ލިޔުމުގައި އެ މަނިކުފާނު ސޮއި ކުރައްވާފައި ނެތުމުން ކަމަށް ދައުލަތުން ބުންޏެވެ.

ގާނޫނުއަސާސީގައި ނެތްކަމެއް އިތުރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި މައްސަލައަކަށް ހަވާލާދީ، ދައުލަތުން ބުނީ ނައިބު ރައީސުން ވަކިކުރާ ހާލަތްތަކުގައި ކޯޓަށް ދެވޭ ގޮތަށް ގާނޫނުއަސާސީ މާނައެއް ނުކުރެވޭނެ ކަމަށެވެ. ޖަމީލު ވަކިކުރި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނީ ކިހިނެތްކަން ޖަމީލުގެ ފަރާތްޕުޅުން ބުނެދެވިފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެދުނީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ދިނުމަށެވެ. އެ މައްސަލަ ބެލޭނެ ކަމަށް ނިންމިޔަސް، ދައުލަތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، ޖަމީލު ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅަން ދައުލަތުން އެދުނެވެ.

ޖަމީލުގެ ވަކީލު އަދި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވީ ނައިބު ރައީސާ ޒިންމާ ހަވާލު ކުރަނީ ރައީސް ކަމަށާއި ރައީސްގެ ބަހެއް ނެތީސް، ނައިބު ރައީސް ނާގާބިލުވީ ކަމަށް މަޖިލީހަށް އަމިއްލަ އަށް ނުނިންމޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެއްވެސް ތަހުގީގެއް ނުހިންގާ ކަމަށާއި ނާގާބިލުވީ ގޮތެއް މަޖިލީހަށް ބުނެ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމީލު މަގާމުން ވަކިކުރި ސަބަބާ މެދު މައުލޫއީ ގޮތުން ދައުލަތުން ވެސް ކޯޓުގައި އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށާއި ދައުލަތުން އެކަން ދިފާއު ކުރަނީ އިޖްރާއީ ގޮތުން ކަމަށް އެކަނި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަކީލަކަށް އެކަނި މަޖިލީހަށް ނުދެވޭނެ ކަމަށް އޮތީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގައި ތޯ ސުވާލު އުފައްދަވައި، މުއިއްޒު ވިދާޅުވީ ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޖަމީލު އަމިއްލަފުޅަށް ވަޑައިނުގަންނަވަނީސް ޖަވާބުދާރީ ނުވެވޭނެ ކަމަށް ނިންމީ މަޖިލީހުގެ އޭރުގެ ރައީސް އަމިއްލަފުޅަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ގޯސްކޮށް ކަމެއް ފާސް ކުރިޔަސް، އެކަން ސައްހަވާނެ ކަމަށް ދައުލަތުން ބުނާ ބުނުން ހަމަނުޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ދުސްތޫރީ މައްސަަލަތައް ފަސް ބާވަތަކަށް ބެހިގެންވާއިރު، ދައުލަތުުގެ މުވައްޒަފަކު ކުރާ ކަމެއްގެ މައްސަލަ ވެސް ގާނޫނުއަސާސީގައި ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ހިމެނޭނެ އެވެ. އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ދައްކާ ވާހަކަ ހަމަނުޖެހޭ ކަމަށާއި ކޮންމެ އިދާރާއަކުން ނިންމިޔަސް، ގާނޫނާ ޚިލާފު ނިންމުންތަކުގެ މައްސަލަތައް ކޯޓުތަކަށް ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު އެދިވަޑައިގަތީ ޖަމީލު ވަކިކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ނިންމައި ދިނުމަށާއި އެކަށީގެންވާ ސަބަބެއް ނެތް ކަމަށާއި އެކަން ސާބިތުނުވާ ކަމަށެވެ. މަގާމުން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ލިބިިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ޖަމީލްު މަގާމުން ވަކި ކުރުމަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމަށް އައްޔަން ކުރީ ގާނޫނުއަސާސީ އިސްލާހުކޮށް، ރައީސާއި ނައިބު ރައީސްގެ ޝަރުތަށް ބަދަލު ގެނައުމަށް ފަހު އެވެ.