Roadha Mihaaru
ސަރުކާރު ދެމިއޮންނާނީ މެޖޯރިޓީ ލިބިގެން: ރައީސް

ސަރުކާރު ދެމިއޮންނާނީ މެޖޯރިޓީ ލިބިގެން: ރައީސް

04 އެޕްރީލް 2019

ކުރިއަށް އޮތް ފަސް އަހަރު، މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އިނގުރައިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ފަސް އަހަރު، މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އިނގުރައިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އިނގުރައިދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ) ގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކުރެވޭނީ ހަަމަޖެހިގެން ސަރުކާރަށް ކަންކަން ކުރެވޭނެ މަގު ފަހިވުމުން ކަމަށެވެ. އެކަން ގުޅިފައިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ މަޖިލީހުގެ މެޖޯރިޓީއާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރު ދެމިއޮތުމާއި ނޯތުން އޮތީ، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާ ގުޅިފައި. އެނގިވަޑައިގަންނަވާނެ ކުރީގައި އެމްޑީޕީގެ ވެރިކަން ނިމިގެންދިޔަ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށް މަސައްކަތް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު ކުރެއްވޭ އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވާނެ ބަޔަކު މަޖިލީހުގައި ތިބެގެންނެވެ.

"ކޮންމެ ދުވަހަކު އެއް ފަހަރު، ރައްޔިތުންގެ މަޖިލީހުގައި ހިނގާ ހަރަކާތްތަކަށް ފޯކަސް ކޮށްގެން އަޅުގަނޑު ރައީސް އޮފީހުގައި އިންނަން ވެއްޖިއްޔާ މަސައްކަތެއް ނުކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރު ދެމިއޮތުމާ ގުޅިފައިވަނީ މަޖިލީހުގެ މެޖޯރިޓީ: ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރު ދެމިއޮތުމާ ގުޅިފައިވަނީ މަޖިލީހުގެ މެޖޯރިޓީ: ފޮޓޯ: އެމްޑީޕީ

މިސަރުކާރު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައި ހުރި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއެކު ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ބޮޑު އުއްމީދުތަކަކާ އެކުގައި ކަމަށްވާ އިރު އެކަން ކާމިޔާބު ކުރެވެން އޮތީ މަޖިިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެދުވަހު އެވީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ތާއީދު އަޅުގަނޑަށް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ހިސާބު ޖަހައި ބެލުމުން ދައުލަތަށް ލިބޭ ފައިސާ އިން ރައްޔިތުންނަށް މިހާތަނަށް ނުލިބިވާ އަސާސީ ހިދުމަތްތައް ދެވޭނެ ކަން އެނގިލައްވާ ކަމަށާއި މިހާތަނަށް އެކަން ނުވެ އޮތީ ވައްކަމާއި ކޮރަޕްޝަން އެކަމުގެ ތެރޭގައި ހިމެނޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގައި ހިމެނޭ ފައިނާއި ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިިވާ އިގުރައިދުގައި 300 ހައުސިން ޔުނިޓް އެޅުމަށް ވެސް ރައީސް ވައުދުވެވަޑައިގަތެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓްތައް ގާއިމު ކުރުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލަމުން އަންނައިރު އޭގެ ތެރެއިން އިނގުރައިދޫ ދާއިރާގައި ވެސް އެއާޕޯޓެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.