Roadha Mihaaru
ރައީސް، އެމްޑީޕީގެ ބޮޑު ކާމިޔާބީގެ ފަހަތުގައި

ރައީސް، އެމްޑީޕީގެ ބޮޑު ކާމިޔާބީގެ ފަހަތުގައި

11 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެއް ދުވަހަށް ވީ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ އދ. މަހިބަދޫގަ އެވެ. ހަމަ އެ ދުވަހު، އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގަތެވެ. އެއަށް ފަހު، އެމަނިކުފާނު ކެމްޕެއިން ނިންމާލެއްވީ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ބޭއްވި ހިނގާލުމުންނެވެ. ވެއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް، ރަތްދަކަ އަވީގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ހައިރާންކަމެކެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެއް ދުވަހަށް ވީ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ އދ. މަހިބަދޫގަ އެވެ. ހަމަ އެ ދުވަހު، އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގަތެވެ. އެއަށް ފަހު، އެމަނިކުފާނު ކެމްޕެއިން ނިންމާލެއްވީ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ބޭއްވި ހިނގާލުމުންނެވެ. ވެއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް، ރަތްދަކަ އަވީގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ހައިރާންކަމެކެވެ.

ޚާއްސަކޮށް، ސަރުކާރުގެ އެކި ކަންކަމުގައި އުޅުއްވަމުން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަގުތު ދެއްވި އިރު، ރައީސްގެ މޫނުފުޅުން ހާސްކަމާއި ނުތަނަވަސްކަމެއް ނުފެނެ އެވެ. އެމަނިކުފާނު އެޅުއްވި ކޮންމެ ފިޔަވަޅެއް، ހުށިޔާރުކަމާ އެކީގައި އަޅުއްވަނީ މަޑުމައިތިރިކަމާއި ކުޅަދާނަކަމާ އެކުގަ އެވެ. މިއީ ވެއިތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުން ރައީސް ސިފަކުރެއްވި ގޮތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެނުނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްފަދައިން ކެމްޕެއިންގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެއް ދުވަހެއްގެ ތެރޭގައި ފަސް ރަށަށް ކިތަންމެ ދުވަހަކު ވަޑައިގެން، ރައްޔިތުންގެ ހާލު ބެއްލެވި އެވެ. ބައެއް ދުވަސް ދުވަހު އެއްކޮށް ހޭދަކުރެއްވީ ކެމްޕެއިންގަ އެވެ. އެންމެ ހޫނު ގަދަ ގަޑީގައި ވެސް އެމަނިކުފާނު ހުންނަވަނީ ރައްޔިތުންގެ އަރިހުގަ އެވެ. ރައްޔިތުންނާ ބައްދަލު ނުވެ، ހިނގައްޖެ ނަމަ، ދުވަސް ފުރިހަމަ ނުވާ ކަހަލަ އެވެ.

އެމްޑީޕީ އަށް 65 ގޮނޑި، ރައީސްގެ ދައުރު ބޮޑު!

އޭގެ ނަތީޖާ މިއަދު ސާފެވެ؛ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިހުގެ އިންތިޚާބުގައި 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ހޯދައި ސުޕަ މެޖޯރިޓީ ކަށަވަރު ކުރި އެވެ. އެއީ ގާނޫނުއަސާސީ ބަދަލުކޮށް ބިލްތަކާއި ގަރާރުތައް ފާސްކޮށް، އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރަން، އެހެން ބައެއްގެ ރުހުން ހޯދަން ނުޖެހޭ ވަރުގެ މެޖޯރިޓީއެކެވެ. އެ ނަތީޖާއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ވަނީ މާޒީ ބަދަލުކުރައްވައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީ އަށް މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމާ ގުޅިގެން އެކަން ފާހަގަކުރަން މާލޭގައި ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީ އަށް މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމާ ގުޅިގެން އެކަން ފާހަގަކުރަން މާލޭގައި ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާޒީގެ ނަތީޖާ ވަރަށް ތަފާތު

މީގެ 10 އަހަރު ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީން 75 ދާއިރާ އަށް ވާދަކޮށްގެން ލިބުނީ އެންމެ 26 ގޮނޑި އެވެ. ނަޝީދު އިސްކޮށް ހުންނަވައިގެން ކުރެއްވި އެ ކެމްޕެއިންގައި އެންމެ ގިނަ ގޮނޑި ހޯދީ އޭރުގެ އިދިކޮޅު ޑީއާރުޕީންނެވެ. ޑީއާރުޕީން 28 ގޮނޑިއެއް ހޯދިއިރު، ތިން ވަނަ އަށް ދިޔަ ޕީއޭ އިން ހަތް ގޮނޑި ހޯދި އެވެ.

އާ ގާނޫނުއަސާސީއަށް ފަހު ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ނުލިބުނީ އެ އަހަރު އެވެ. އެހެންކަމުން ނަޝީދުގެ ވެރިކަމުގައި އިދިކޮޅު މެޖޯރިޓީން ވަރަށް ބޮޑެތި ފިއްތުންތައް ފިއްތުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދު އޭރުގެ އިދިކޮޅު ލީޑަރަކަށް ހުންނަވަނިކޮށް، 2014 ގައި ބޭއްވި އާންމު އިންތިޚާބުގައި ވެސް އެމްޑީޕީ އަށް ހޯދުނީ 26 ގޮނޑި އެވެ. އޭރު ކޯލިޝަން ހަދައިގެން ނުކުތް ޕީޕީއެމް/ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެއްކޮށްލައިގެން 40 އަށް ވުރެ ގިނަ ގޮނޑި ލިބުނެވެ.

"މިސާލަކަށް ބައެއް ދުވަސް ދުވަހު، މާލެ އިން ނައްޓާލައިގެން މަތިންދާ ބޯޓު މަތީގައި ރައީސް އުޅުއްވަނީ އޮފީސް ކަމެއް ކުރަން. ނޫނީ ރަށްތަކަށް ވަޑައިގެން ދައްކަވާނެ ވާހަކައަކަށް ތައްޔާރުވާން،" ޝައުނާ

ކުރިން އޮތް ދެ އިންތިހާބުގައި ވެސް އެމްޑީޕީއަށް އެހާ މަދުން ގޮނޑި ލިބުމުން ޕާޓީގެ ސަޕޯޓަރުން މާޔޫސްވި އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ ފުރަތަމަ އިންތިހާބުން މި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އެހެންކަމުން އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ރައީސަށް ގިނަ ބަޔަކު ކުރި އިތުބާރެކެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދަވާނެ އިރަކަށް ރައްޔިތުން ތިބީ ބަލަބަލަ އެވެ. ރައީސް އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުން ނުކުމެ އެމްޑީޕީ އަށް މަޖިލިހުގައި ތަނަވަސް އަޣުލަބިއްޔަތެއް ދިނުމަކީ، އެއްގޮތަކުން ބަލަންޏާ، އޭގެ ހެއްކެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ކެމްޕެއިންގައި އަމަލީ ގޮތުން އުޅުއްވަން ޖެހިވަޑައިގަތީ މިހާރުގެ މަޖިލިސް ތެރެއިން ސަރުކާރު ނިކަމެތިވާ ގޮތަށް ކަންކަން ފެންނަން ފެށުމުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތެއް އޮވެ، އެކަމަކު ސަރުކާރުން ބޭނުންވާ ކަންކަން އެ މަޖިލިހުގެ ތެރެއިން ނުކުރެވުމުގެ ނަތީޖާ އަކީ ވީހާ ވެސް ގިނަ ގޮނޑި އެމަނިކުފާނުގެ އެމްޑީޕީ އަށް ހޯދައިދެއްވުމަށް ފާޅުގައި ކެމްޕެއިނަށް ނުކުމެވަޑައިގަތުން ކަމަށް ދެކެވަޑައިގެންނެވި އެވެ.

އިންތިޚާބުގައި ތުޅާދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި ހިސާން ހުސެއިންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޕޮއިންޓުތައް ނޯޓު ކުރައްވާއިރު އަރިހުގައި ހިސާން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންތިޚާބުގައި ތުޅާދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި ހިސާން ހުސެއިންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޕޮއިންޓުތައް ނޯޓު ކުރައްވާއިރު އަރިހުގައި ހިސާން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ނަތީޖާއިން ހާމަވީ ރައީސް ދެކެ ރައްޔިތުންވާ ލޯބި"

ރައީސް އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އައިމިނަތު ޝައުނާ ވިދާޅުވީ އާންމު އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ބައެއް ދުވަސްތަކުގައި ހެނދުނު ހަތެއް ޖަހާ އިރު، ރައީސް މަސައްކަތް ފައްޓަވާ ގޮތަށް ރޭގަނޑުގެ އެކި ވަގުތުތަކަށް މަސައްކަތްޕުޅު ދިގުދެމިގެން ދިޔަ ކަމަށެވެ. އަދި "މަސައްކަތް ނޫން" ކަމެއް ކުރައްވަން އެމަނިކުފާނަށް އެންމެ ވަގުތެއް ވެސް ލިބިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބައެއް ދުވަސް ދުވަހު، މާލެ އިން ނައްޓާލައިގެން މަތިންދާ ބޯޓު މަތީގައި ރައީސް އުޅުއްވަނީ އޮފީސް ކަމެއް ކުރަން. ނޫނީ ރަށްތަކަށް ވަޑައިގެން ދައްކަވާނެ ވާހަކައަކަށް ތައްޔާރުވާން،" ކެމްޕެއިން ތެރޭގައި ރައީސް އަވަދިނެތި އުޅުއްވި ގޮތް ސިފަކޮށްދެއްވައި ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ 48 ގަޑިއިރު ކުރައްވާ މަސައްކަތް ރައީސް އެއް ދުވަހުން ކުރައްވައޭ."

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ކަމަށެވެ. އަދި ރައީސްގެ ހުރިހާ ވިސްނުމެއް ހުރީ ވައުދުތައް ފުއްދެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ރައީސެކޭ އެއްގޮތަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވެސް ކުރެއްވީ ތައުރީފް ހައްގު ކެމްޕެއިނެކެވެ.

"މި ނަތީޖާ އިން ހާމަވީ އެމަނިކުފާނު [ރައީސް] ދެކެ ރައްޔިތުން ލޯބިވާކަން. މިއީ ގިނަ ގޮނޑިތަކެއް ހޯދުމަށް ޓީމެއްގެ ގޮތުގައި ރައީސް ކުރެއްވި މަސައްކަތުގެ ވެސް ނަތީޖާ،" ސަމީރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންހެނެއްގެ ފޯނުން ސެލްފީއެއް ނަންގަވަނީ: ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް އެމަނިކުފާނު އާންމުންނާ އެކު ސެލްފީ ނަންގަވާ. --- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންހެނެއްގެ ފޯނުން ސެލްފީއެއް ނަންގަވަނީ: ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް އެމަނިކުފާނު އާންމުންނާ އެކު ސެލްފީ ނަންގަވާ. --- ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރަސްމީ މަސައްކަތުގައި ރައީސް އުޅުއްވަމުން، އެމްޑީޕީގެ ކެމްޕެއިނަށް އެމަނިކުފާނު ވަގުތު ހުސްކުރެއްވީ ބައެއް ފަހަރު ފަރިއްކުޅުވުމެއް ވެސް ނެތި އެވެ. އެކަމަކު އެމަނިކުފާނަކީ ވަރަށް ތަރުތީބުން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"އެންމެ މިނިޓެއް ވެސް އަމިއްލަ ކަމެއް ކުރާކަށް ނޯވޭ"

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، ރައީސް އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަ ގަދަ މަރުހަބާ ދަންނަވަ އެވެ. ސަލާން ކުރަން ދިގު ސަފުތަކާއި ސެލްފީ ނެގުމުގެ ގިނަ ހުށަހެޅުންތަކެއް ލިބެ އެވެ. އެވަރުން ނިމުނީކީ ނޫނެވެ. ރަށުން ފުރައިވަޑައިގަތުމުގެ ކުރިން ރަށުގެ ހާލަތު ބައްލަވަން މަޖުބޫރު ކުރެ އެވެ. އެކަމަކު އެ ހުރިހާ ހުށަހެޅުންތަކަށް ރައީސް އިޖާބަދެއްވަނީ ހިނިތުންވުމާއި އުފާވެރިކަމާ އެކުގަ އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި ކެމްޕެއިން ތެރޭގައި ރައީސް ކޮންމެ ރަށަކަށް ވަޑައިގަތަސް، ކިއޫގައި ތިބި މީހުންނާ ސަލާމް ކުރައްވަން ވިއްސަކަށް މިނިޓު ހޭދަކުރައްވަ އެވެ. އަދި ކޮންމެ ރަށެއްގެ ހާލަތު ބެއްލެވުމަށް ރައީސް އަށް ދެންނެވުމުން، އެކަމަށް އިންކާރު ނުކުރައްވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"ރަތްދަކަ އަވީގައި އެކަން ކުރަން ޖެހެނީ. ހެލްތު ސެންޓަރު ވިޔަސް، ބަނދަރު ވިޔަސް، ގިރާ ސަރަހައްދަށް ވިޔަސް، ރައީސް އެ ތަންތަން ބައްލަވާނެ. އެއްވެސް ތަނެއް ނުބަލައި ދޫކޮށްނުލައްވާނެ. އެންމެ މިނިޓެއް ވެސް އަމިއްލަ ކަމެއް ނުވަތަ ފޯން ކުރައްވަން ވަގުތެއް ނޯވޭ،" ޝައުނާ ވިދާޅުވި އެވެ.

ސަމީރު ގަބޫލުކުރެއްވި ގޮތުގައި އެމްޑީޕީ އަށް މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ދިނީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށެވެ. ރައްޔިތުންގެ އުންމީދަކަށް ވާނީ މަޖިލިހުގެ މެމްބަރުން ޒިންމާދާރުކަމާ އެކީގައި މަސައްކަތް ކުރައްވައި، ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން އެޖެންޑާއެއް މެމްބަރުންގެ އޮވެގެން މަސައްކަތްކޮށްގެން ނުވާނެ. އެމްޑީޕީ އަށް ނުވަތަ ރައީސަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ރައްޔިތުން ބޭނުންވާ ކަންކަން އެ އޮތް ވަގުތެއްގެ ތެރޭގައި ފުރިހަމަކޮށްދިނުން. މިހާރު އެއްވެސް ބަހަނާއެއް ދެއްކުމުގެ ފުރުސަތެއް ނެތް،" ސަމީރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ލިބުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހައްލުކޮށްދިނުމަށް ހުޅުވުނު މަގެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭނެއޭ ކިއާފައި މިހާރު ފަހަތަށް ޖެހެން ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ އަރިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ އެހާ ގިނަ ގޮނޑިތަކެއް އެމްޑީޕީ އަށް ލިބުނީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ވައުދުވި ގިނަ ކަންކަން ފުއްދުމާ އެކު ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ވެސް ބޮޑުކަމުން ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 84 ޕަސަންޓް ވައުދު ފުއްދާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ރައީސަކީ ވިސްނަވާފައި ވަރަށް މަޑުމައިތިރިކަމާ އެކު ހުންނަވައިގެން ކަންކަން ކުރައްވާ ބޭފުޅެކެވެ. ރައީސްގެ އެ މިޒާޖު ގިނަ ބަޔަކު އިހްތިރާމާ އެކު ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެރިކަމުގައި ރައީސް ހުންނެވިތާ ފަސް މަސް ވާއިރު، ވަރަށް އަމާންކޮށް މިދަނީ. އެމަނިކުފާނަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމައްޗެއް ނުވޭ. ރައީސްއަކާ ދިމާލަށް އެއްޗެކޭ ނުކިޔާ ނޫންތޯ؟ ފަސް މަސް ވާއިރު، ހަލަބޮލިކަމެއް ނާދޭ ނޫންތޯ؟ ހަގީގަތުގައި އެއީ ރައްޔިތުންނަށް ޔަގީންކަން އޮތީ، އެމްޑީޕީ އަށް ވޯޓު ދިނީމަ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ ކަމަށް،" އާންމު އިންތިޚާބުގެ ކެމްޕެއިންގައި ރައީސްގެ އަރިހުގައި 12 ރަށަށް ވަޑައިގެންނެވި އެ ބޭފުޅާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތައްޔާރަށެވެ. ރައްޔިތުންގެ ނިންމުމަކީ ހެޔޮ ވެރިކަމަކަށް ކުރާ އުންމީދުގެ ދަލީލެއް ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ނުވަތަ ރައީސަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ރައްޔިތުން ބޭނުންވާ ކަންކަން އެ އޮތް ވަގުތެއްގެ ތެރޭގައި ފުރިހަމަކޮށްދިނުން. މިހާރު އެއްވެސް ބަހަނާއެއް ދެއްކުމުގެ ފުރުސަތެއް ނެތް،" ސަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައި ގޮތް އަޅުގަނޑު މިއަދަކު ވެސް ހަނދާނެއް ނުނެތޭ. ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތްކުރަން. ރައްޔިތުން އެދުނު އެދުންތައް ތަންފީޒުކުރަން. އަޅުގަނޑު މިއަދު ވެސް މިހުރީ މި ޓީމާ އެކީގައި އެ މަސައްކަތްކުރުމަށް ތައްޔާރަށް،" ކެމްޕެއިން ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގަތަސް، ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވައި ރައީސް އެރޭ ވިދާޅުވި އެވެ.

"މިއީ އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެއްވެސް މީހަކު ބާކީ ނުކޮށް ރައްޔިތުންނަށް ހިދުމަތްކުރުމާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމުގައި، މިތިބީ އެކީގައި މަސައްކަތްކުރަން."

މީގެ ތިރީހަކަށް ދުވަސް ކުރިން ރައީސް ރައްޔިތުންނަށް ކުރެއްވި އާދޭސް ރައްޔިތުން ބަލައިގަނެ، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް އާ މަޖިލިސް ބައްޓަންވާނެ އެވެ. ކުރިއަށް އޮތީ އެމްޑީޕީން އެކުލަވައިލި "އެޖެންޑާ 19" ގެ ސިޔާސަތުތައް ހަގީގަތަށް ހެދުމުގެ މަސައްކަތެވެ. ރައީސް އާއި އެމަނިކުފާނުގެ އެކުވެރި ކުރީގެ ރައީސް ނަޝީދުގެ މަސައްކަތްޕުޅުން އެމްޑީޕީ އެ ވަނީ ތާރީޚު ބަދަލުކުރައްވައިފަ އެވެ.

އެކަމަކު އެމްޑީޕީއަށް ކުރީގެ ދެ އިންތިހާބުގައި ހޯދުނު ގޮނޑިތަކަށް ބަލާއިރު، މިފަހަރު މި ފެނުނު ތަފާތު ނަތީޖާގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނުފުޅުކަމާ މެދު ޝައްކެއް ނެތެވެ.