Roadha Mihaaru
ރައްޔިތުން ތިބީ ސަރުކާރަށް މެޖޯރިޓީ ދޭން ކެތްމަދުވެފައި

ރައްޔިތުން ތިބީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭން ކެތްމަދުވެފައި: ރައީސް

04 އެޕްރީލް 2019

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި މި ސަރުކާރަކީ ވީ ވައުދުތައް ފުއްދައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި މި ސަރުކާރަކީ ވީ ވައުދުތައް ފުއްދައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން މަޖިލީސް އިންތިޚާބަށް ކުރި ކެމްޕޭން ނިންމަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުވާނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދުމަށް އެހީވުމަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 އަށް ތައުރީފް ކުރައްވައި ވިދާޅުވީ އެއީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގާނޫނީ އޮނިގަނޑެއް ކަމަށެވެ.

އެހެންކަމުން އިންތިޚާބުގައި އެންމެންގެ ވޯޓު ތިލަފަތަށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

"ކެމްޕެއިން ދަތުރުތަކާއި ބައްދަލުވުންތަކުން އަޅުގަނޑަށް ޔަގީންވެ ސާފުވެގެން ދިޔައީ ވަރަށް ގިނަ ރައްޔިތުން ތިބީ ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކެތްމަދުވެފައި ކަން،" ކެމްޕެއިންނަށް ގިނަ ރަށްތަކަކަށް ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.

މަޖިލީސް އިންތިޚާބުގެ ކެމްޕޭން ނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މަޖިލީސް އިންތިޚާބުގެ ކެމްޕޭން ނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް އިންތިޚާބު ކުރަން ޖެހޭނީ ފައިސާ އަށް ނުވިކޭ، ނުފޫޒަށް ނުގުޑާ މެމްބަރުންނެވެ. އެ މެމްބަރުން ވާން ޖެހޭނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ނިންމާފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅުން ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ސަރުކާރަށް މިހާރު އަޣުލަބިއްޔަތު އޮތް ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަން ތަކުރާރު ކުރައްވައި މި ސަރުކާރުން ފޮނުވި 23 ބިލްގެ ތެރެއިން ފާސްކޮށްދީފައި ވަނީ އެންމެ އަށް ބިލް ކަމަށް ރައީސް ވިދާޅުވި އެވެ. ފާސް ނުކޮށްދިން ބިލްތަކުގެ ތެރޭގައި އެމަނިކުފާނުގެ މުހިންމު ވައުދުތަކެއް ފުއްދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރު އައީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި މި ސަރުކާރަކީ ނަތީޖާ ނެރޭނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރައްވައި ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ހޯދައި ދެވިއްޖެ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި މާލެއާއި އެއް ހަމައަކަށް ރަށްތަކުގެ ކަރަންޓްގެ އަގު ދަށް ކުރުމާއި ވިޔަފާރިތަކުގެ ކަރަންޓް ބިލް ކުޑަ ކުރައްވާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ކޮށްދިނުމަށް އެސްއެމްއީ ބެންކެއް އުފެއްދެވިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަށް ރައްޔިތުން ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނުނެތޭނެ ކަމަށާއި އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އިންކަމް ޓެކްސް ގެނައުން ފަދަ ކަންކަމަށް ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި ކައުންސިލްތަކަށް ބާރުތައް ދީ އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ 31 ޕަސެންޓް މެމްބަރުންނަކީ އަންހެނުން ކަމުގައި ހެދުމަށް ވެސް މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެކަންކަމުގެ ހައްލު އޮތީ އެމްޑީޕީގެ އެޖެންޑާ 19 ގައި ކަމަށް ވިދާޅުވި އެވެ.

"މަޖިލީހުގައި ތިބެން ވާނީ މިސިޔާސަތުތައް ދަންނަ ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލު ކުރާ ބޭފުޅުން. ފައިސާއަށް ނުވިކޭނެ ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ބޭއްވޭ އެންމެ އަމާން އަދި އެއްވެސް ކެންޑިޑޭޓަކަށް ބިރުވެރިކަމެއް ނެތި ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބުނު އިންތިޚާބު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.