Roadha Mihaaru
ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ނުވި: އަސްލަމް

ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ކުރާކަށް ނޫޅުއްވި: އަސްލަމް

20 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީދާ މެސެޖު ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހައްލު ކުރަން އެމަނިކުފާނު މަސައްކަތްޕުޅު ނުކުރެއްވި ކަމަށް އެމްޑީޕީގެ ޕާލަމެންްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީދާ މެސެޖު ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހައްލު ކުރަން އެމަނިކުފާނު މަސައްކަތްޕުޅު ނުކުރެއްވި ކަމަށް އެމްޑީޕީގެ ޕާލަމެންްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް މީގެ ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް 54 މެންބަރަކު ސޮއި ކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާތީ އެ މަނިކުފާނާ ސީދާ ވާހަކަ ދައްކަވަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެކަމަކު ޖަލްސާތައް މިއަދު ނުބާއްވާ މަޖިލިސް އެކީ ހުއްޓާލުމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، އެ މައްސަލަތައް ހައްލު ކުރެއްވުމަށް އޮތް އެއް ގޮތަކީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުން ކަމަށެވެ.

އެކަމަށްޓަކައި ލިޔުމެއް ތައްޔާރު ކުރުމަށް ފަހު، މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް ފުރަތަމަ އަމީންއާންމު މެދުވެރިކޮށް ނަޝީދަށް ދެންނެވި ކަމަށް އަސްލަމް ވިދާޅުވި އެވެ.

މި ހަފުތާގެ ހޯމަ ދުވަހަށް އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ނަމަވެސް އެކަން ނުކުރެއްވުމުން ސީދާ ނަޝީދަށް މެސެޖު ކުރައްވައި އެ މައްސަލަ އެޖެންޑާ ކުރައްވަން އެދިވަޑައިގަތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު އާންމުކޮށް ކުރަން ބޭނުންވާ ކަމެއް ނޫން. އެހެން ނަމަވެސް ސީދާ މަޖިލިސް ރައީސަށް މެސެޖެއް ކުރިން އަޅުގަނޑު އެޖެންޑާ ކޮށްދިނުމަށް އެދި. [ޖަވާބުގައި] ލިޔުއްވާފައި އޮތީ ތިން ދުވަހުގެ ފުރުސަތެއް އޮވެއޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ދެން ކުރަން ޖެހޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ އެވެ. ކުރައްވަން ގަސްދު ކުރައްވާ ވަކި ކަމެއް އަސްލަމް ވިދާޅެއް ނުވެ އެވެ.

ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދެވޭނީ ވެސް ދައުރު ނިމުމުން ކަމަށެވެ. ނަމަވެސް ދައުރު ނިމުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާރު ސާފު ނުވާ ކަމަށް މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އެކަން ކުރަން ޖެހިއްޖެ ނަމަ ކުރައްވާނެ ކަމަށެވެ.

މަޖިލިސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނަޝީދާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުށަހަޅާ ހައްލަކީ ނަޝީދުގެ ނުވަތަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގުމަށް ފަހު ފަހަރަކު ބޭފުޅެއްގެ މައްސަލަ ކުރިޔަށް ގެންދިޔުމެވެ.

މަޖިލީހުގެ މެޖޯރިޓީ އޮވެ އެކަން ނުކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާ ބޭފުޅަކު އަމިއްލަ މައްސަލަ ނަންގަވައި ދެއްވުމަށް އެދިވަޑައިގަތުމަކީ ހުތުރު ކަމެއް ކަމަށެވެ.

އެފަދަ ވިސްނުމެއް އޮތް ނަމަ ގޮތެއް ނިންމަވާނީ ޕާލަމެންޓަރީ ގްރޫޕުން ކަމަށާއި ނަމަވެސް ދެ ބޭފުޅުން ހުންނެވި ކަމުގައިވީ ނަމަވެސް މިހާރު ވެސް ޖަލްސާ ކުރިޔަށް ގެންދިޔުމަށް ގަވައިދު ތަންދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.