ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ އަދަދު މަދަސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވޯޓަށް ވުރެ އެހެން ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓު ގިނަ ކަމަށާއި އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދޭނެ ކަމަށް މާވަށު ދާއިރާ އަށް ހޮވިވަޑައިގެންނެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ އަދަދު މަދަސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވޯޓަށް ވުރެ އެހެން ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓު ގިނަ ކަމަށާއި އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ނުދޭނެ ކަމަށް މާވަށު ދާއިރާ އަށް ހޮވިވަޑައިގެންނެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އިންތިޚާބުގައި އެމްޑީޕީން ވަނީ 86 ދާއިރާ އަށް ވާދަކޮށް، 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. މިއީ، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް ވުރެ ވެސް މާ މަތީ އަދަދެކެވެ. އިދިކޮޅު ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނީ އެންމެ 22 ގޮނޑި އެވެ. މީގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީން މަޖިލީހުގައި ތަމްސީލްކުރާނީ އަށް ގޮނޑި އެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު "މިހާރު" އަށް ވިދާޅުވީ މި ނަތީޖާ އެކު ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓާވާފައިވާ ކަމަށެވެ. އެކަމަކު މަޖިލީހުގެ ތެރެއިން އެކަން ހުއްޓުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕީޕީއެމާއި ކޮންގްރެސް ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބަށް ފަހު ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުއްދައާ އެކު ކަމަށެވެ. އޭގެ ކުރިން ކުރަން ޖެހޭ ކަމަކީ މި އިންތިހާބަށް "އެޖެންޑާ 19" ގެ ތެރެއިން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ހިސާބުތަކުން ބަލާއިރު އެމްޑީޕީ އަށް ވުރެ ގިނަ ވޯޓު ލިބިފައި ހުރީ އިދިކޮޅަށް. --ސައީދު
މަޖިލީސް އިންތިޚާބުގެ ނަތީޖާ އެމްޑީޕީގެ ކޮޅަށް ބުރަވެފައި އޮތަސް ސައީދު ދެކެވަޑައިގަންވާ ގޮތުގައި ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅަށެވެ. ލިބުނު ގޮނޑިތައް އެއްކައިރިކޮށް، ވޯޓު ލީ އަދަދަށް ބަލާއިރު އިދިކޮޅު ޕާޓީތަކަށް ލިބުނު ވޯޓު، އެމްޑީޕީ އަށް ވުރެ ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ގޮތަށް ބަލާއިރު އެމްޑީޕީއަކަށް [ރައްޔިތުންގެ] ސުޕަ މެޖޯރިޓީއެއް ނުލިބޭ. ހިސާބުތަކުން ބަލާއިރު އެމްޑީޕީ އަށް ވުރެ ގިނަ ވޯޓު ލިބިފައި ހުރީ އިދިކޮޅަށް،" ސައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު /މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީ ހިމެނޭ ގޮތަށް އިދިކޮޅަށް މި އިންތިޚާބު ގެއްލުނީ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާއި ބިރުދެއްކުންތަކާ ހެދި އެވެ.
އިންތިޚާބާ ދިމާކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރުމާއި ޕީޕީއެމްގެ ފަންޑުތައް ފްރީޒްކުރުމާއި ރިޔާސީ ކޮމިޝަންތައް އުފައްދައި އިދިކޮޅު ފަރާތްތަކަށް ބިރުދައްކައި ހައްޔަރުކުރުމުގެ އިންޒާރު ދިނުމަކީ މި އިންތިޚާބު އިދިކޮޅަށް ގެއްލުނު ސަބަބުތައް ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ އިތުރުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ނުކުންނަވައި މަޝްރޫއުތައް އިއުލާން ކުރައްވައި ކުރެއްވި ކެމްޕޭނުން އިންތިހާ ދަރަޖައިގެ ނުފޫޒު މި އިންތިޚާބަށް ފޯރި ކަމަށެވެ.
ސަރުކާރު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ، ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދާނެ، އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ހުއްޓުވާނަން. --ސައީދު
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ޒިންމާއަކަށް ވާނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.
"ސަރުކާރު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ، ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދާނެ. އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ހުއްޓުވާނަން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޖިލީސް އިންތިޚާބުގެ މި ނަތީޖާއާ އެކު އެމްޑީޕީގެ ތެރެއިން ދެން ފެންނަން އޮތީ ބައިބައިވުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅާ ތަނެވެ. އެމްޑީޕީގައި ދެ ފިކުރެއް އެނބުރެމުންދާ ކަމަށާއި އެއީ ކަނާތު ފިޔަ އާއި ވާތުފިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަނާތު ފިޔަ އިން މިއުޅެނީ މުޅިން އެހެން ގައުމިއްޔަތެއް ތައާރަފްކުރަން. ވާތު ފިޔައިގެ ފިކުރަކީ ތަރައްގީގެ އެޖެންޑާ. މި ބައިބައިވުން ދެން ފެންނާނީ،" ސައީދު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި އަހަރުގެ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް، ސައީދު ވިދާޅުވި ގޮތުގައި، ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ސިޔާސީ ކުރިމަގު ބަނައެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި ޔާމީންގެ ފިކުރާ އެކު ދެ ޕާޓީ ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނާ މެދު ދިވެހި ރައްޔިތުންގެ އޮތް އިތުބާރާ އެކު ޕާޓީ ވަރުގަދަވާނެ،" ސައީދު ވިދާޅުވި އެވެ." އެކަމަކު އޭނާ އެހެން ވިދާޅުވިޔަސް ޔާމީންގެ މާ ބޮޑު އެހީއެއް ކެމްޕޭން ތެރޭގައި ވެސް ލިބިފައެއް ނުވެ އެވެ. ކެމްޕޭންގެ ފަހުކޮޅު ޖަލުން ދޫކޮށްލިޔަސް، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެމްޕޭން އެންމެ އިވެންޓަކަށް ވެސް ވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި ސަޕޯޓަރުންނަށް މެސެޖް ދެއްވީ ފޯނުންނެވެ.
އައްޑޫގައި ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު
ވަޒީފާތައް ގެއްލުނީ މަޓީއާ މަޝްވަރާ ނުކުރުމުން:އިދިކޮޅު
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
އިންޑިއާ ރުއްސަން ގާނޫނު ހެދުމަކީ އަނިޔާވެރިވުން:ސައީދު
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ޔާމީން އެކަހެރި ކުރަނީ ހޯދާނެ ކާމިޔާބީއަށް ޖެހިލުންވާތީ
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ