Roadha Mihaaru
ނިއު ޕޯޓް ވިއު ހުސްކުރަން ނޯޓިސް ދީފި

ނިއު ޕޯޓް ވިއު ހުސްކުރަން ނޯޓިސް ދީފި

11 މާޗް 2019

ސިނަމާލެ ބްރިޖް އަޅަމުން ދިޔައިރު އެ މަންޒަރު ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ދާދި ފަހުން ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނަމާލެ ބްރިޖް އަޅަމުން ދިޔައިރު އެ މަންޒަރު ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ދާދި ފަހުން ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ނިއު ޕޯޓު ބަންދުކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން، އެތަން ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިހާރު އަންނަނީ މައްސަލަ ސިވިލް ކޯޓަށް ވައްދަން ތައްޔާރުވަމުންނެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައިފަ އެވެ. މިހާރު އެ ކުންފުނިން ހިންގަނީ އޭނާގެ އަންހެނުންނެވެ.

ޒާހިދަކީ ޔާމީންގެ ދިފާއުގަ އާއި ޕީޕީއެމާ ދެކޮޅު މީހުންނަށް ވަރަށް ހުތުރުކޮށް ފާޑު ކިޔާފައިވާ ކައުންސިލް މެމްބަރެކެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަށް ބޮޑެތި އިންޒާރުތައް ވެސް، ޔާމީންގެ ވެރިކަމުގައި ދީފައި ވެ އެވެ.

ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާ އަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެތަން ކުއްޔަށް ދީފައި ވަނީ ތިން ފަހަރަށް ކުލި ބަދަލުވާ ގޮތަށެވެ. އެގޮތުން މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި އަންނަނީ ދައްކަމުންނެވެ. އަދި އަށް އަހަރުގެ މުއްދަތު ނިމޭއިރު އެތަނުގެ ކުލި މަހަކު 300000 އަށް އަރާނެ އެވެ.

ޕްލެޓްފޯމް ސަރަަހައްދު ހުސްކުރަން ސަރުކާރުން އެންގީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލަން ބޭނުންވާތީ ކަމަށް އެނގިފައި ވެ އެވެ. އަދި އެތަން ބަންދުކުރަން އުޅެނީ ބަދަލު ދޭ ގޮތަށް ކަމަށް ވެސް އެނގިފައި ވެ އެވެ. ނަމަވެސް ސްޓްރާޑާއިން ބޭނުންވަނީ ބަދަލު ދިނުމުގެ ކަންތައް ކޯޓުން ނިންމާށެވެ. އަދި އެ ކުންފުނިން ދެކެނީ އެއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށެވެ.