ޓެކްސީގައި މީޓަރު ބޭނުންކުރަން ފެށޭނީ ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
16 އެޕްރީލް 2019
ޓެކްސީގައި މީޓަރު ބޭނުންކުރަން ފެށޭނީ ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މީޓަރުގެ ގޮތުގައި ބޭނުންކުރާނެ މޮބައިލް އެޕްލިކޭޝަނުގަައި ހުންނަންޖެހޭ ބައިތަކާއި އެކަމާ ގުޅޭ ތަފްސީލް އަންނަ މަހުގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ.
ޓެކްސީތަކުގައި ބޭނުންކުރެވޭނީ، ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ރާއްޖޭގައި މިހާރު ވެސް ޓެކްސީކުރަން ބޭނުންކުރެވޭނެ ބައެއް މޮބައިލް އެޕްލިކޭޝަން ގެންގުޅެ އެވެ. އެ އެޕްތައް މެދުވެރިކޮށް ފަސޭހައިން ޓެކްސީ ބުކްކުރެވި އެ ދަތުރުކުރާ ގޮތް ބެލެ އެވެ. ނަމަވެސް ޓެކްސީ ދަތުރުކުރާ ދުރުމިނަށް ނުބަލައި އަގު ނެގުމަކީ އެންމެ އެދެވޭ ކަމެއް ނޫންކަމަށް ބައެއް މީހުން ދެކެ އެވެ.
މާލޭގައި ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ.
އާދިލް ވިދާޅުވީ ޓެކްސީ އެޕްލިކޭޝަނުގައި ހުންނަން ބޭނުންވާ ކަންތައްތައް އިއުލާނުކުރުމުން، މިހާރު ބޭނުންކުރާ އެޕްލިކޭޝަން އެ ފެންވަރަށް ތަރައްގީކުރެވޭނެ ކަމަށެވެ. އެގޮތުން އެ އެޕްލިކޭޝަންތައް ހުށަހެޅުމުން، މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ފެތޭ ނަމަ ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ މަހުގެ ތެރޭގައި، އެޕްލިކޭޝަންގައި ހުންނަންޖެހޭ ކަންތައްތަކާއި މިންގަނޑުތައް އިއުލާނުކުރާނަން. އޭގެ ދެ ތިން މަސް ފަހުން އަދި ޓެކްސީގައި މީޓަރު ބޭނުންކުރަން ފަށާނީ،" އާދިލް ވިދާޅުވި އެވެ.
"މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭނަމަ، އެ އެޕްލިކޭޝަންތަކަށް ހުއްދަދޭނެ. އެ ވެދާނެ ދެ ތިން އެޕްލިކޭޝަނަކަށް ވެސް،"
އޭނާ ވިދާޅުވިގޮތުގައި އެޕްލިކޭޝަނުގައި ހަމައެކަނި މިނިސްޓްރީ އަށް ބޭނުންކުރެވޭ އަދި މިނިސްޓްރީ އަށް ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކެއް ހުންނަންޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީ އަގުތައް ހިމެނެ އެވެ. އާދިލް ވިދާޅުވީ ކިލޯމީޓަރަކަށް ނަގާނެ އަގު ކަނޑައެޅުމުގެ ބާރު ޓެކްސީ ސެންޓަރު ނުވަތަ ޑްރައިވަރުންނަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ.
"ޓެކްސީ ދަތުރުކުރީ ކިހާ ގަޑިއަކުތޯ އަދި އެ ދިޔަ ތަންތަން ބެލޭނެ ގޮތްތައް އޮންނަންޖެހޭނެ. ބޭނުންތެރި ފީޗާސްތައް ހިމެނޭ އެޕްލިކޭޝަނަކަށް ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކުރިން ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ. މީޓަރު ޓެކްސީ ބޭނުންކުރިއަސް އެ އަގު ބޮޑެއް ނުވާނެ ކަމަށާއި އަގެއް ކަނޑައަޅާނީ އާއްމުންނާއި ޑްރައިވަރުންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
ޕިކަޕުން ދަތުރުކޮށްދޭ އަގު ވެސް ބޮޑު ކަމަށާއި އެހެންވެ އެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ޓެކްސީ އެޕްލިކޭޝަނަށް ފަސް ހުށަހެޅުމެއް
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ
ޓެކްސީ މީޓަރު ހަރުކުރަން އެންމެން ވެސް ބޭނުންވޭ!
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް
ބޭނުން އަގެއް ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު