Roadha Mihaaru
މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް

މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް

17 އެޕްރީލް 2019

ބާސެލޯނާ (އޭޕްރިލް 17) – ލިއޮނަލް މެސީގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިވެ ބާސެލޯނާ އިން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސެލޯނާ (އޭޕްރިލް 17) – ލިއޮނަލް މެސީގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިވެ ބާސެލޯނާ އިން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި 1-0 އިން ހޯދި މޮޅާ އެކު ބާސެލޯނާ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދީ 4-0 އިންނެވެ. ސެމީ ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ކުއާޓާ ފައިނަލުގައި ލިވަޕޫލާއި ޕޯޓޯ ކުޅެ ކުރި ހޯދާ ޓީމަކާ އެވެ.

ބާސެލޯނާގެ ފުރަތަމަ ގޯލް މެސީ ޖެހީ 16 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑުގެ ފްރެޑް ކައިރިން ދެމި ގަނެ ޑީ އޭރިއާ ރޮނގު މަތިން، އެ ޓީމުގެ ކްރިސް ސްމޯލިން އަށް ވެސް ހަރަކާތްކުރާނެ ފުރުސަތެއް ނުދީ މެސީ ފޮނުވާލި ބޯޅަ ވައްދާލީ ތިރީ ކަނަށެވެ.

ބާސެލޯނާގެ ދެ ވަނަ ގޯލް އޭގެ ހަތަރު މިނެޓު ފަހުން މެސީ ވައްދާލީ ޔުނައިޓެޑުގެ ޑިފެންސަށް ރަނގަޅަށް ސާފުކޮށްނުލެވުނު ބޯޅައެއް ހޯދައި ޖެހި ޝޮޓަކުންނެވެ. އެ ބޯޅަ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެއްޓިގެންފައި ނެގި ނަމަވެސް އޭނާގެ އަތުން ދޫވެގެން ގޯލަށް ވަނީ އެވެ. ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ ލިވަޕޫލުގެ ކުރީގެ މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ އެވެ. ޖޯޑީ އަލްބާ ދިން ބޯޅަ އޭނާ 61 ވަނަ މިނެޓުގައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލީ އޭރިއާ ބޭރުން ޖަހަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ބުނީ މިފަދަ މުހިއްމު ކޮންމެ މެޗެއްގައި ވެސް މެސީ ތަފާތު ދައްކާ ކަމަށާއި އޭނާ މިފަދަ ފޯމެއްގައި ހުންނައިރު ނުހުއްޓޭ ކަމަށެވެ. އޭނާ ބުނީ ސެމީ ފައިނަލަށް ދިއުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިއީ އޭނާ ވަރަށް ކާމިޔާބުކުރަން ބޭނުންވާ މުބާރާތެއް ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް ދެއްކީ މެސީގެ ވާހަކަ އެވެ. އޭނާ ބުނީ މެސީ ހުރީ އެންމެ މަތީ ފޯމުގައި ކަމަށާއި މެޗުގެ ތަފާތަކަށްވީ އޭނާ ކަމަށެވެ. އަދި ޔުނައިޓެޑުން އަމާޒު ހިފަންވީ ބާސެލޯނާ އެއޮތް ފެންވަރަށްދާން ކަމަށް ވެސް ސޯލްޝެއާ ބުންޏެވެ.

"އަހަރެމެންނަށް އެހިސާބަށް ދެވިދާނެ. އެކަމަކު ބައިވަރު މަސައްކަތް ކުރަން އެބަހުރި. މި ކްލަބުގެ ހަގީގީ ފެންވަރަށް ދަންޏާ، ބާސެލޯނާ އަށް ޗެލެންޖްކުރަން ޖެހޭނެ،" ސޯލްޝެއާ ބުންޏެވެ.