Roadha Mihaaru
ޑި ޔޮން މައްސަލައިގައި ޕިރްލޯ ހިތްހަމަނުޖެހިފައި

ޑި ޔޮން މައްސަލައިގައި ޕިރްލޯ ހިތްހަމަނުޖެހިފައި

18 އެޕްރީލް 2019

މިލާން (އޭޕްރީލް 18) - އަޔަކްސްގެ ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ގަތުމަށް ތަކުރާރުކޮށް ޔުވެންޓަސް އަށް ލަފާދިންއިރު ވެސް އެގޮތަށް އަމަލުނުކުރުމުން އެކަމާ މެދު އެ ޓީމުގެ ކުރީގެ ތަރި އަންދްރޭ ޕިރްލޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (އޭޕްރީލް 18) - އަޔަކްސްގެ ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ގަތުމަށް ތަކުރާރުކޮށް ޔުވެންޓަސް އަށް ލަފާދިންއިރު ވެސް އެގޮތަށް އަމަލުނުކުރުމުން އެކަމާ މެދު އެ ޓީމުގެ ކުރީގެ ތަރި އަންދްރޭ ޕިރްލޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އަޔަކްސް ފުރުސަތު ހޯދުމުގައި ޑި ޔޮން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހާއްސަކޮށް މުބާރާތުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާއި ކުއާޓާ ފައިނަލުގައި ޔުވެންޓަސް އަތުން މޮޅުވިއިރު، ޑި ޔޮން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޕިރްލޯ ބުނީ ޑި ޔޮންގެ ކުޅުން ފެނިފައި އޭނާ ހައިރާން ނުވަނީ ސަބަބެއް އޮތުމުން ކަމަށެވެ.

"އަހަރެން ގިނަ އަހަރުތަކެއް ވަންދެން ޑި ޔޮންގެ ކުޅުން ބެލިން. ޔުއެފާ ޔޫތު ލީގާއި އެހެނިހެން މެޗުތަކުން ވެސް ޑި ޔޮން ފެނުނު. ޔުވެންޓަސް އަށް މީގެ ދެ އަހަރު ކުރިން ވެސް އަހަރެން އެންގިން ޑި ޔޮން އަކީ އެ މީހުންނަށް ވަރަށް ބޭނުންހިފޭނެ ކުޅުންތެރިޔެކޭ. އެކަމަކު އެ ގޮތަށް ޔުވެންޓަސް އިން ބޭނުމެއް ނުވި،" ޕިރްލޯ ބުންޏެވެ.

ޔުވެންޓަސް އިން މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލްގެ ޖަރުމަނު މިޑްފީލްޑަރު އެމްރޭ ޗާން ގެންދިޔައިރު، ޕިރްލޯ ވަނީ އެއީ ޔުވެންޓަސް އަށް އެންމެ ކަމުދާނެ ވިސްނުމެއް ނޫން ކަމަށް އޭރު ވެސް ބުނެފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ ޔުވެންޓަސް ކުޅޭ ސްޓައިލާ ގުޅޭ ކަހަލަ މިޑްފީލްޑަރުން ގެންނަން. އެ ގޮތުން ވިސްނާއިރު ޔުވެންޓަސްގެ މުޅި ސިސްޓަމް ބަދަލުކޮށްލާނެ ފަދަ ހުނަރުވެރިޔެއް ޑި ޔޮން އަކީ. މިހާރު މި ވާހަކަަތައް ދެއްކުން ލަސްވެއްޖެ. ބާސެލޯނާ އެއޮތީ ފުރިހަމަ އަށް ވަގުތުގެ ބޭނުން ހިފައި ޑި ޔޮންގެ ސޮއި ހޯދާފައި،" ޕިރްލޯ ބުންޏެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބުނީ ޔުވެންޓަސް އިން އުމުރުން ދޮށި ކުޅުންތެރިންނަށް ބޮޑު ހޭދަކުރުމުގެ ވިސްނުން ދޫކޮށްލާ ޒުވާން ކުޅުންތެރިން ލައިގެން ޓީމު ބައްޓަންކުރަންޖެހޭ ކަމަށާއި ޔޫރަޕްގައި ކާމިޔާބެއް ލިބޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ހުރިހާ ދިމާލަކުން މަސައްކަތްކޮށްގެން ކަމަށެވެ.

ޔުވެންޓަސްގެ ނައިބު ރައީސް އަދި އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޕަވެލް ނެޑްވެޑް ވިދާޅުވީ މިދިޔަ އަހަރު ޔުވެންޓަސް އިން ޑި ޔޮން ގަންނަން އަޔަކްސްއާ މަޝްވަރާކުރަން ބޭނުންވި ކަމަށާއި އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުނީ ކްލަބްގެ ބޯޑުން ނިންމުމުން ކަމަށެވެ.

އުމުުރުން 21 އަހަރުގެ ޑި ޔޮން އަންނަ ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވާނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ ސޮއި ހޯދަން ބާސެލޯނާ އިން ވަނީ އަޔަކްސް އަށް 75 މިލިއަން ޔޫރޯ (84 މިިލިއަން ޑޮލަރު) ދޭން ނިންމައިފަ އެވެ.