Roadha Mihaaru
"އެންޓި ކެމްޕޭން ކުރި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ"

އެންޓި ކެމްޕޭން ކުރި، ޕާޓީގެ އިސް މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ: ހަސަން ލަތީފް

18 އެޕްރީލް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރި، އެ ޕާޓީގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރި، އެ ޕާޓީގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

މި މަހު ހަ ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިިރާތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ނެރުނެވެ. މި ކެންޑިޑޭޓުންނަށް ޓިކެޓް ދިނީ ޕްރައިމަރީންނެވެ.

ޕްރައިމަރީއާ މެދު ހިތްހަމަނުޖެހުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިޚާބަށް ނުކުތް ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދީފަ އެވެ.

އެ މީހުންނާ މެދު އޮތީ، ކޮން ފިޔަވަޅެއްތޯ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އާއްމު މެމްބަރަކު ސުވާލު ކުރުމުން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެއީ ގޯހެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެހެން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަކީ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ލަތީފް ކުރެއްވި ޓުވީޓް.

އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ޚާއްސަ ކޮމިޓީއެއް އެމްޑީޕީގައި އޮވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހިގެން، ބައެއް މީހުން މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި އަބްދުﷲ ޖާބިރު ހިމެނިވަޑައިގަންނަވަ އެވެ. ޕްރައިމަރީން ނާކާމިޔާބުވުމުން ހިތަދޫ އުތުރު ދާއިރާ އަށް އަހްމަދު މުހައްމަދު (ފަޒާ) ވެސް ވާދަ ކުރެއްވި އެވެ. އެކަމަކު އެ ދާއިރާ ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް މެމްބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި މުހައްމަދު އަސްލަމެވެ. މަޖިލިހުގެ ރައީސްކަމަށް އަސްލަމް ގެނައުމަށް ނަޝީދުގެ ތާއީދު އޮތުމާ އެކު، އެކަން ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބެލެވެ އެވެ.

މި އާންމު އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަކާ އެކު އެ ޕާޓީ އަށް ލިބުނު ތާރީޚީ ކާމިޔާބީ އެކެވެ.