Roadha Mihaaru
ކިންގް ސަލްމާން މިސްކިތް ޖުލައި މަހު ހުޅުވަނީ

ކިންގް ސަލްމާން މިސްކިތް ޖުލައި މަހު ހުޅުވޭނެ: މިނިސްޓަރު

21 އެޕްރީލް 2019

ސައުދީ ސަރުކާރުން މާލޭގައި ބިނާކޮށްދޭ ކިންގް ސަލްމާން މިސްކިތް އަންނަ ޖުލައި މަހު ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައުދީ ސަރުކާރުން މާލޭގައި ބިނާކޮށްދޭ ކިންގް ސަލްމާން މިސްކިތް އަންނަ ޖުލައި މަހު ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އާޓިފިޝަލް ބީޗުގެ އުތުރުގައި އަޅާ މިސްކިތުގެ މަސައްކަތް ނިންމަން ކުރިން ކަނޑައެޅި ތާރީހަށް ވުރެ ލަސްވެފައިވާ ކަމަށެވެ. އެކަަމަކު މިހާރު މަސައްކަތް ކުރަމުން އަންނަ ސްޕީޑުން، އަންނަ ޖުލައި ހިސާބުގައި މިސްކިތް ހުޅުވޭނެ ކަމަށް އެ މަސައްކަތް ކުރާ ތުރުކީ ކުންފުނިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ތިން އަހަރު ކުރިން ހަދަން ފެށި މިސްކިތުގެ މަސައްކަތް ލަސްވެގެން އުޅެނީ ކޮންޓްރެކްޓަރަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ.

"އުއްމީދުކުރަނީ ޖުލައި ހިސާބަށް މިިސްކިތް ހުޅުވިދާނެ ކަމަށް. އެކަމަކު ޕޭމަންޓް ލަސްވާ ކަމުގައިވާ ނަމަ އަނެއްކާވެސް ލަސްތަކެއް އައުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. ފަސް ބުރިއަށް ހަދާ މިސްކިތް މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިންގް ސަލްމާން މިސްކިތުގެ ކުރެހުމަކާއި އެތަން މިހާރު ހަދާފައިވާ ގޮތް ދައްކައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އިމާރާތްކުރަނީ، ކުރެހުމާ އެއްގޮތަށް ނޫން ކަމަށް އެއް ބަޔަކު ތުހުމަތުކުރެ އެވެ.

އެކަމަކު ޑރ. ޒާހިރު ވިދާޅުވީ މިސްކިތް ހަދަނީ ކުރެހުމާ އެއްގޮތަށް ކަމަށް ކުންފުނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ނަމާދުކުރެވޭ ގޮތަށް ކުރިން ހަމަޖެއްސި ފްލޯތަކަށް، ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތުން ގެނައި ބަދަލުގެ ސަބަބުން އާންމުކޮށް ނަމާދުކުރަން ބޭނުންކުރާނީ މިސްކިތުގެ އެކަކާއި ދެ ވަނަ ބުރި އެވެ. ކުރިން އޮތީ ނަމާދުކުރަން މިސްކިތުގެ ފަސް ވަނަ ބުރި ބޭނުންކުރާ ގޮތަށެވެ.

"ފުރަތަމަ ނުވަތަ ދެވަނަ ބުރި ފުރިފައި ދެން މީހުން އަނެއްކާވެސް އަރާފާނެ މައްޗަށް. އަރައިފިއްޔާ ތިނެއް، ހަތަރެއް އެބަ އާދޭ މެދުތެރެއަށް. އައިސް ފަސް ވަނަ ބުރީގައި މި ނަމާދުކުރެވެނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.

"އެހެންވެ ފަހުން ނިންމީ ފަސް ވަނަ ބުރި ދޫކޮށްލާށޭ. އާއްމުކޮށް ނަމާދުކުރާ ނަމާދުކުރުން ވެސް ކުރާނީ އެކެއް އަދި ދެ ވަނަ ފްލޯގައޭ. ފުރަތަމަ ފްލޯ ފުރިއްޖެ ނަމަ ދެ ވަނަ ފްލޯއަށް އަރާނީއޭ. ފަސް ވަނަ ފްލޯ ބޭނުންކުރާށޭ އެހެނިހެން ކަންތައްތަކަށް. އެއީ މިހާރު ގެނައި ބަދަލަކީ."

މިނިސްޓަ ވިދާޅުވީ ފުރަތަމަ ދެ ބުރީގައި 4،800 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ.