Roadha Mihaaru
ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ލަންކާގައި ދިން ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

21 އެޕްރީލް 2019

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 400 އަށް ވުރެ މަތީގަ އެވެ. ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާ އިރު، ޓެރަރިސްޓް ހަމަލާގައި ދިވެއްސަކަށް އަނިޔާއެއް ނުލިބެ އެވެ.

އެމްއެންޑީއެފް ހެޑްކުއާޓާޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ލަންކާ އަށް ދިން ހަމަލައާ ގުޅިގެން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލައި ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ރިސޯޓުތަކާއި ގެސްޓްހައުސްތައް ސަލާމަތީ ގޮތުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް (ވ) އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު. ---

ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް (ވ) އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު. ---

ޝަމާލް ވިދާޅުވީ، ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރީ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ޝަމާލް ވިދާޅުވީ، ކަސްޓަމާއި އިމިގްރޭޝަނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖެ އަންނަ މީހުންގެ ފަރާތުން ޝައްކު ކުރެވޭފަދަ އަމަލުތަކެއް ފެންނަ ކަމަށްވާ ނަމަ ސިފައިން ނުވަތަ ފުލުހުންގެ ސަމާލުކަމަށް ގެންނާނެ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކަމެއް ވިޔަ ނުދިނުމަށް. ކަމެއް ވެގެން އެކަމާ އުޅެން ޖެހުމަކީ ހަގީގަތުގައި އެއީ ވަރަށް ބޮޑު ފެއިލިއާއެއް. އެހެންވެ، އެކަމެއް ވިޔަ ނުދޭން މިއުޅެނީ،" ޕްރެސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރިސޯޓުތަކުގައި ސެކިއުރިޓީ މެނޭޖަރުން ކަނޑައަޅައި، މިހާރުން މިހާރަށް ދޭން ޖެހޭ ތަމްރީންތައް ދީ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ. އެކަމަކު، މިހާރު ވެސް ރިސޯޓުތަކުގައި ސެކިއުރިޓީ މެނޭޖަރުން ތިބި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތައް މިހާރަށް ވުރެ ބޮޑަށް ބަލަހައްޓަމުން ދާނެ ކަމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ ރާއްޖެ އަށް ނުރައްކަލެއް އައި ކަމުގެ މައުލޫމާތު ލިބިގެން ނޫން ކަމަށެވެ.

ޓޫރިޒަމްގެ ސިނާއަތުގައި ހިމެނޭ ތަންތަނާއި އެއާޕޯޓުތައް އަދި އެހެނިހެން ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން އެކަމުގެ ތެރޭގައި އެއްވެސް ދިވެއްސެއް ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް އައިއިރު، ލިބިފައި ނުވާ ކަމަށެވެ. އަދި ބޭރުގެ ކަމާ ބެހޭ ފަރާތްތަކާ ރާއްޖޭން ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.