Roadha Mihaaru
ޓެރަރިޒަމަށް އެބަ ހިތްވަރުދޭ، ފިޔަވަޅު އަޅާނަން:ޕޮލިސް

ޓެރަރިޒަމަށް ދިވެހިން އެބަ ހިތްވަރުދޭ، ފިޔަވަޅު އަޅާނަން: ޕޮލިސް ކޮމިޝަނަރު

21 އެޕްރީލް 2019

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ދެއްވައިފި އެވެ.

އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ލަންކާގައި ދިން ހަމަލަތަކާ ގުޅިގެން އޮންލައިން އަދި ސޯޝަލް މީޑިއާ ވަރަށް ރަނގަޅަށް މޮނިޓަ ކުރަމުންދާ ކަމަށެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ނުދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ހަމަޖެހުން ގެއްލިގެންދާ ފަދަ އިބާރާތް ހިމެނޭ، ނުވަތަ ކޮމެންޓް ނުކުރުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރަން ބޭނުންވާ އިލްތިމާސްއެއް،" "މިހާރު" ން ކުރި ސުވާލުގެ ޖަވާބުގައި ހަމީދު ވިދާޅުވި އެވެ.

"މީޑިއާ ކައުންސިލާއި އެކަމަށް ޒިންމާވާ، މަސްއޫލުވާ ފަރާތްތަކާ މެދުގައި މަޝްވަރާކޮށްގެން ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް ދިއުމާއެކު ފިޔަވަޅު އަޅާނަން،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ދިވެހިންގެ މުޖުތަމައުގެ ތެރޭގައި އެއް ބަޔަކު، އަނެއް ބަޔަކު މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލަތަކުގައި ދިވެއްސަކު ބައިވެރިވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ ދެ ސަަރަހައްދެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބަޔަކު މީހުން ހައްޔަރުކޮށްފައި ތަހުގީގު ހިނގަމުންދާ ކަމަށް. ނަމަވެސް މިހާތަނަކަށް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނުވަތަ ދިވެއްސަކު ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމެއް އަޅުގަނޑުމެންނަށް ލަންކާގެ ކަމާ ބެހޭ އެއްވެސް ވުޒާރާއަކުން ހާމަކޮށްފައެއް ނެތް،" ހަމީދު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދު ޝަމާލް. --- ފޮޓޯ: އެމްއެންޑީއެފް

ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދު ޝަމާލް. --- ފޮޓޯ: އެމްއެންޑީއެފް

ލަންކާގައި އިތުރު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު އޮތުމާއި ދިވެހިންނަށް އެކަމުގެ ގެއްލުން ވެދާނެތީ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ހަމީދު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ދިވެހިންގެ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ދިވެހިން ވެސް ވަރަށް ގިނަ އިން އުޅެމުން އަންނަ ބައެއް ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 400 އަށް ވުރެ މަތީގަ އެވެ. ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާގައި ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.