Roadha Mihaaru
ލަންކާގެ ބޮމުގެ ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ލަންކާގެ ބޮމުގެ ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

21 އެޕްރީލް 2019

ސްރީ ލަންކާގެ އެކި ހިސާބުތަކުގައި މިއަދު ދިން ބޮމުގެ ވަރުގަދަ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ އެކި ހިސާބުތަކުގައި މިއަދު ދިން ބޮމުގެ ވަރުގަދަ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ 2009 ގައި ނިމުމަކަށް އައި ފަހުން ކޮލަމްބޯ އާއި އެ ސިޓީގެ ބޭރުގައި ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާ މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދިވެހިން އާންމުކޮށް އުޅޭ ބައެއް ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް، ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެކަން ކުށްވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިސްޓް، ފިނޑި ހަމަލާއެއް ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލަންކާ އަށް ރާއްޖޭގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓު.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ލަންކާގައި ހެނދުނު ދިން ހަމަލާތަކާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ބޮމުގެ އެ ހަމަލަތައް ކުށްވެރި ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ހަމަލާ އަމާޒުވި މީހުންގެ އާއިލާތަކާއެކު ތިބި ކަމަށާއި އެ މީހުންނަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ކުރެއްވި ޓުވީޓު.

ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަަރު އުމަރު ރައްޒާގު ވިދާޅުވީ ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ހަމަލާތައް އަމާޒުވި ހުރިހާ ހޮޓާތަކެއް ވަކިވަކިން ބަލައި، މަައަުލޫމާތު ހޯއްދަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓު.

ޝާހިދު ކުރެއްވި ޓުވީޓު.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާއަށް ދިން މި ނުރަައްކާތެރި ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ. އަދި އަނިޔާ ލިބުނު އާއިލާތަކާއި ސްރީ ލަންކާގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދިވެހިން ގެންދަނީ ލަންކާގެ ހަމަލާއާ މެދު ހިތާމަކޮށް، ހަމްދަރުދީގެ މެސެޖްތައް ފޮނުވަމުންނެވެ. ލަންކާ އަކީ ރާއްޖެއާ އެންމެ އަވަށްޓެރި އަދި އެންމެ ގާތް އެކުވެރި ގައުމުކަމުން، ދިވެހިންނާއި ލަންކާއާ ޒަމާނުއްސުރެ އޮންނަނީ ވަކި ނުކުރެވޭ ވަރުގެ ގުޅުމެކެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ދަނީ ދިވެހިންގެ ހާލަތު ބަލަމުންނެވެ. އެގޮތުން، އެހީތެރިކަން ބޭނުންވެއްޖެ ނަމަ، ގުޅާނެ ނަންބަރުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ކޮލަމްބޯ: +94727277072 ނުވަތަ +94766942654 ރާއްޖެ: +9607983400