Roadha Mihaaru
ރޯދަމަހަށް ހާއްސަ ޕެކޭޖެއް ޓްރީޓޮޕުން ތައާރަފްކޮށްފި

ރޯދަ މަހަށް ހާއްސަ މެޑިކަލް ޕެކޭޖެއް ޓްރީޓޮޕުން ތައާރަފްކޮށްފި

21 އެޕްރީލް 2019

ރޯދަ އަށް ތިބޭ މީހުންނަށް ހާއްސަ މެޑިކަލް ޕެކޭޖެއް ތައާރަފު ކުރަން ޓްރީޓޮޕް ހޮސްޕިޓަލުން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރޯދަ އަށް ތިބޭ މީހުންނަށް ހާއްސަ މެޑިކަލް ޕެކޭޖެއް ތައާރަފު ކުރަން ޓްރީޓޮޕް ހޮސްޕިޓަލުން ނިންމައިފި އެވެ.

"ރޯދަ އާއި ސިއްހަތު"ގެ ނަމުގައި ތައާރަފްކުރާ މި ޕެކޭޖުގެ ހިދުމަތް ލިބެން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއީ ރޯދަ އަށް ތިބޭ މީހުންގެ ސިއްހަތު ބެލެހެއްޓުމަށާއި ރޯދަމަހު ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓާނެ ގޮތް ކިޔައިދިނުމަށް ތައާރަފްކުރާ ޕެކޭޖެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ޕެކޭޖުގެ ތެރޭގައި މެޑިކަލް ޗެކްއަޕްގެ އިތުރުން ފިޒިކަލް ޗެކްއަޕްއަކާއި ތަފާތު ލެބޯޓަރީ ޓެސްޓުތައް އެކުލެވޭނެ އެވެ. ޖުމްލަ 1،449ރ. އަށް ލިބޭ މި ޕެކޭޖުގައި ނުހިމެނޭ ޓެސްޓުތައް ހަދަން ބޭނުން ނަމަ، 10 ޕަސެންޓުގެ ޑިސްކައުންޓަކާ އެކު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. އަދި ހަކުރުބަލި ހުންނަ މީހުންނަށް ބޭނުންވާ ގްލައިކޮހިމަގްލޮބިންގެ އިތުރުން އެކި ބަލިތައް ދެނެގަތުމަށާއި ފަރުވާ އަށް ބޭނުންވާ މާއްދާ ވިޓަމިން ބީ 12 އާއި ރިއުމަޓޮއިޑް ފެކްޓާ ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު ޓްރީ ޓޮޕް ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ދޫކުރާނީ ހެނދުނު 10:30 އިން މެންދުރު 3:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 10:30 އާ ހަމައަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.