Roadha Mihaaru
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް

ޝިމާ ގެއްލުން: ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުުހުންގެ ޝައްކުތަކެއް!

22 އެޕްރީލް 2019

ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް އައިމިނަތު ޝިމާ ނާފިޒް، 19، ގެއްލުނު ގޮތާ ގުޅޭގޮތުން، އޭނާ އެކު ދަތުރުކުރި މުހައްމަދު ފަޒީލް ތަހުގީގަށް ދެއްކި ބައެއް ވާހަކަތަކާ މެދު ޝައްކުތަކެއް ހުރި ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް އައިމިނަތު ޝިމާ ނާފިޒް، 19، ގެއްލުނު ގޮތާ ގުޅޭގޮތުން، އޭނާ އެކު ދަތުރުކުރި މުހައްމަދު ފަޒީލް ތަހުގީގަށް ދެއްކި ބައެއް ވާހަކަތަކާ މެދު ޝައްކުތަކެއް ހުރި ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމު، ފަޒީލް، 24، އާ އެކު ޑިންގީގައި ދަނިކޮށް އެ ބަންޑުން ޖަހާލައި ޝިމާ ގެއްލުނީ ކަމަށް ފަޒީލް ބުނެ އެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ލ. ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލި ޑިންގީން އޭނާ ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ.

މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ.

އެކަމަކު އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން އޭނާ ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ޝިމާ ގެއްލުމާ، އެ ހާދިސާއާ ގުޅުމެއް ނެތް ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ފައިރޫޝް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތަހުގީގު އަދިވެސް ކުރިއަށްދާ ކަަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފައިރޫޝް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތަހުގީގު އަދިވެސް ކުރިއަށްދާ ކަަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޝިމާ ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ ތަހުގީގަށް ފަޒީލް ބައެއް މައުލޫމާތު ދިނީ ކަން ހިނގި ގޮތަށް ކަމަށެވެ. އެކަމަކު ބައެއް ވާހަކަތަކުގައި ޝައްކު އުފެދޭ ކަންކަން ހުރި ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ތަހުގީގަށް ހުރަސްއެޅިދާނެތީ އެއީ ކޮން ވާހަކަތަކެއް ކަން ފައިރޫޝް ވިދާޅެއް ނުވެ އެވެ.

ފަޒީލް، ފުލުހުންނަށް ކިޔައިދިން ވާހަކަތަކާއި ފުލުހުންގެ ތަހުގީގުން ހޯދުނު ކަންކަމުގެ މައްޗަށް ފައިރޫޝް ހިއްސާކުރި ވާހަތަކުގައި ވިދާޅުވީ، ރިސޯޓެއްގެ ވަޒީފާ އަދާކުރި ޝިމާ ރަށަށް ދާން ބޭނުންވީ މާމެންދޫގައި ހުރި އޭނާގެ ދަރިފުޅު ދެކިލުމަށެވެ. ރަށަށް ދިއުމުގެ އެ ދަތުރުގައި ފޮނަދޫގައި ފަޒީލްއާ އެކު މަޑުކުރާ ގޮތަށް މާ ކުރިން ވެސް އޮތީ ހަމަޖެހިފަ އެވެ.

އެ ދެ މީހުން ނިންމައިގެން ތިބީ ފެރީގައި މާމެންދު އަށް ދިއުމަށެވެ. އެކަމަކު ޑިންގީއެއްގައި ދަތުރުފެށީ، ފުލުހުން ބުނިގޮތުގައި، ފެރީ ފުރަން އޮތް ގަޑިއަށް ދެ މީހުންނަށް ނުދެވުމުންނެވެ.

ޝިމާ އާއި ފަޒީލް ދަތުރުކުރި ޑިންގީ.

ޝިމާ އާއި ފަޒީލް ދަތުރުކުރި ޑިންގީ.

މާމެންދު އަށް ދާން އެ މީހުން ހޯދި ޑިންގީއަކީ ދަތުރުކުރަން އެންމެ އެކަށީގެން ނުވާ އުޅަނދެއް ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

"މި ދަތުރުގައި، ޝިމާ ހަމަ ރުހުމުގައި ދިޔަ ކަމަށް އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު ދިޔަ ކަމަށް މިހާތަނަށް ލިބިފައި ހުރި ސީސީޓީވީ ފުޓޭޖްތަކުން ފެންނަނީ. ބައެއް ފުޓޭޖްތަކަށް ބަލާލުމުން ހީވޭ، ވަރަށް ގާތް ރަހުމަތްތެރި ކަމެއް ހެން އޮތީ ދެ މީހުންގެ ދެމެދުގައި އޮތީ،" ޝިމާ ޑިންގީގައި ގެންދިޔައީ ގަދަކަމުން ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ފައިރޫޝް ވިދާޅުވި އެވެ.

ޑިންގީގައި އަޅާފައި ހުރި އިންޖީނާއި ހާދިސާ ހިނގި ކަމަށް ލަފާކުރެވޭ ވަގުތާއި ޝިމާ އާއި ފަޒީލްއާ ދެމެދު ފޯނުގެ މައުލޫމާތަށް ބަލާއިރު ޑިންގީ ބަންޑުން ޖަހާލީ އެރޭ 7 ޖެހިއިރު ކަމަށް ފުލުހުން ލަފާ ކުރެ އެވެ. ފަޒީލްއާ ހަވާލާދީ ފުލުހުން ބުނިގޮތުގައި ޑިންގީ ބަންޑުން ޖަހާލީ އޭގައި ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަމުން ދަނިކޮށް ކުއްލިއަކަށް އައި ރާޅެއްގަ އެވެ.

"އޭރު ވެސް ޝިމާގެ ފޯނުން ދިޔައީ މެސެޖްކުރަމުން. އެ މެސެޖްތަކުގެ ތަފްސީލެއް ލިބިފައެއް ނެތް. އެކަމަކު އެ މެސެޖްކުރި ކަން އަޅުގަނޑުމެންނަށް ކޯލް ރެކޯޑިންސް އިން ވަނީ އެނގިފައި،" ފައިރޫޝް ވިދާޅުވި އެވެ.

ފަޒީލް: ޝިމާ ގެއްލުމުގައި އޭނާގެ އަތެއްވާ ކަމަށް އާއިލާ އިން ތުހުމަތުކުރޭ.

ފަޒީލް: ޝިމާ ގެއްލުމުގައި އޭނާގެ އަތެއްވާ ކަމަށް އާއިލާ އިން ތުހުމަތުކުރޭ.

ފޭސްބުކުން ޝިމާ ކުރި މެސެޖްތަކުގައި ދެއްކި ވާހަކަތައް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ޑިންގީ ބަންޑުން ޖަހާލި އިރު އޭގެ ދަށުވި ޝިމާ ނަގައި އޭނާ އަށް ވިސްނައިދީގެން ދެ މީހުން ވެސް ސަލާމަތުގެ އައްސޭރިއަށް ދާން މަސައްކަތް ކުރި ކަމަށް ފަޒީލް ތަހުގީގަށް ވަނީ ބުނެފަ އެވެ. ޑިންގީ ބަންޑުން ޖަހާލި ހިސާބުގައި ތިބެ ބަލާލާ އިރު ރިސޯގެ ލައިޓްތައް ފެންނަން ހުރި ކަމަށާއި އެއީ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ލިބޭނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

"މި ހިސާބުން އެބަހުރި ބައެއް ކަހަލަ ކަންކަން ތަހުގީގުން ސާފުކުރަން ކުރަން ބޭނުންވާ. އެހެންވީމަ އެ ޝައްކު އުފެދޭ ވާހަކަތައް މިހާރު އަޅުގަނޑަށް ދަންނަަވަން ދަތި،" ފައިރޫޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ބޭނުންވާ ތަންތަން އަދިވެސް އަންނަނީ ބަލަމުންނެވެ. މިއަދު ވެސް ގއ. އަތޮޅުގެ ދެ ރަށެއް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.