Roadha Mihaaru
"ކޫލީ ނަމްބަރު 1" ގެ ޝޫޓިން އޮގަސްޓަށް ތާވަލުކޮށްފި

ވަރުން ދަވަން އާއި ސާރާ އަލީ ހާންގެ "ކޫލީ ނަމްބަރު 1" ގެ ޝޫޓިން އޮގަސްޓަށް ތާވަލުކޮށްފި

25 އެޕްރީލް 2019

ޑޭވިޑް ދަން މީގެ 24 އަހަރު ކުރިން ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ކޫލީ ނަމްބަރު 1" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޭވިޑް ދަން މީގެ 24 އަހަރު ކުރިން ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ކޫލީ ނަމްބަރު 1" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފަށަން ނިންމައިފި އެވެ.

މި ފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރަކީ އޮރިޖިނަލް ވެސް ޕްރޮޑިއުސްކުރި ވާޝޫ ބަގްނާނީ އެވެ.

"ކޫލީ ނަމްބަރު 1" ގެ އެޑަޕްޓޭޝަނުގެ ލީޑް ރޯލުން ފެންނާނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން އާއި މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާރާ އަލީ ހާނެވެ. މިއީ މި ޒުވާން ޖޯޑު އެކީގައި ފެނިގެން ދާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ. އަދި މި ފިލްމު އިއުލާންކޮށްފައި މި ވަނީ ބުދަ ދުވަހު ފާހަގަކުރި ވަރުންގެ 32 ވަނަ އުފަން ދުވަހާ ވެސް އެކީގަ އެވެ.

މި ފަހަރު ހަދާ "ކޫލީ ނަމްބަރު 1" އަކީ ރިމޭކެއް ކަމަށް މީޑިއާތަކުން ބުނާތީ އެކަން ދޮގު ކުރަމުން ވަރުން ބުނީ އެއީ އެއްގޮތަކަށް ވެސް ފިލްމުގެ ރިމޭކެއް ނޫން ކަމަށެވެ.

"އޭގެ މައިގަނޑު ޕްލޮޓް މީގައި ވެސް އިންނާނީ. އެކަމަކު ކުރީގެ ކޫލީ ނަމްބަރު ވަންއާ މި ފަހަރުގެ ފިލްމު މާ ބޮޑަށް ވެސް ތަފާތު ވާނެ،" މިހާރު ސިނަމާތަކުގައި އޮތް "ކަލަންކް" ގެ ބަތަލު ބުންޏެވެ.

"ކޫލީ ނަމްބަރު 1" ގެ އާ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. "ކޫލީ ނަމްބަރު 1" އަކީ ބައްޕަ ޑޭވިޑާ އެކު ވަރުން މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. ޑޭވިޑް އެންމެ ފަހުން ޑައިރެކްޓް ކުރި "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" ގެ ބަތަލަކީ ވެސް ވަރުން އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ރެމޯ ޑި ސޫޒާގެ "ސްޓްރީޓް ޑާންސާ" އާއި ހާއްސަ ފެނިލުމަކުން ފެންނަ ސަލްމާން ހާން ފިތުރު އީދުގައި ގެނެސްދޭ "ބާރަތު" އެވެ.

ސާރާގެ މި ވަގުތު އަންނަނީ ކާތިކް އާރިޔަންއާ އެކު އިމްތިއާޒް އަލީގެ "އާޖް ކަލް" ގެ މަސައްކަތް ކުރަމުންނެވެ.

ޖޫން، 30، 1995 ގައި ރިލީޒް ކުރި "ކޫލީ ނަމްބަރު 1" އަކީ ބޮކްސް އޮފީހުގައި 32 ކްރޯޑް ރުޕީސް (3.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހެދީ ގާތްގަނޑަކަށް 9.6 ކްރޯޑް ރުޕީސް (1.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.