Roadha Mihaaru
ވަރުން އަށް އަނެއްކާ ވެސް ބައްޕަގެ ރިމޭކެއް

ވަރުން އަށް އަނެއްކާ ވެސް ބައްޕަ ޑޭވިޑްގެ ރިމޭކެއް

10 ޑިސެމްބަރ 2020

ޑޭވިޑް ދަވަން ޑައިރެކްޓްކުރި އިތުރު ފިލްމެއްގެ ރިމޭކެއް އަނެއްކާ ވެސް އޭނާގެ ދަރިފުޅު ވަރުން ދަވަންއާ އެކު ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޭވިޑް ދަވަން ޑައިރެކްޓްކުރި އިތުރު ފިލްމެއްގެ ރިމޭކެއް އަނެއްކާ ވެސް އޭނާގެ ދަރިފުޅު ވަރުން ދަވަންއާ އެކު ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޑޭވިޑް ދެން ހަދަން ނިންމާފައި ވަނީ އޭނާ 1998 ގައި އަމީތާބް ބައްޗަނާއި ގޯވިންދާއާ އެކު ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ރިމެކެކެވެ. އެ ނޫހުން ބުނިގޮތުގައި އެ ފިލްމު ޕްރޮޑިއުސްކުރާނީ މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ޑޭވިޑްގެ "ކޫލީ ނަމްބަރު 1" ވެސް ޕްރޮޑިއުސްކުރި ޕޫޖާ އެންޓަޓައިންމަންޓުން ޖެކީ ބަގްނާނީ އެވެ.

ވަރުން އާއި ސާރާ އަލީ ޚާން ލީޑް ރޯލް ކުޅެފައިވާ އެ ފިލްމަކީ ޑޭވިޑް ހަމަ އެ ނަމުގައި 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ފިލްމުގެ ރިމެކެކެވެ. ޑޭވިޑް ވަނީ ސަލްމާން ޚާން ޑަބަލް ރޯލެއް ކުޅުނު 1997 ގެ ފިލްމު "ޖުޅުވާ" ގެ ރިމެކެއް ވަރުންއާ އެކު "ޖުޅުވާ 2" ގެ ނަމުގައި 2018 ގައި ގެނެސްދީފަ އެވެ.

ހަންގާމާ އިން ބުނިގޮތުގައި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެނެސްދޭނީ "ބަޅޭ މިޔާ ޗޯޓޭ މިޔާ 2.0" ގެ ނަމުގަ އެވެ. އަދި ފިލްމުގައި ގޯވިންދާގެ ރޯލު ވަރުން ކުޅޭ އިރު، އަމީތާބްގެ ކެރެކްޓާ އަށް ނަގާނީ ސީނިއާ އެކްޓަރެކެވެ. އެކަމަކު އެއީ ކާކު ކަމެއް އަދި ނުނިންމަ އެވެ.

އެ ފިލްމުގެ ބަތަލާއިންނަކީ ރަވީނާ ޓަންޑަނާއި ރާމިއާ ކްރިޝްނަން އެވެ. އަދި ފިލްމުގެ ހާއްސަ ލަވައަކުމް މަދޫރީ ޑިކްސިޓް ވެސް ފެނިފައިވެ އެވެ.

ހަންގާމާ އިން ބުނީ ޖެކީ ބޭނުން ވަނީ އަންނަ އަހަރުގެ މެދުތެރޭގައި "ބަޅޭ މިޔާ ޗޯޓޭ މިޔާ 2.0" ގެ ޝޫޓިން ފަށައި 2022 ގައި ފިލްމު ސިނަމާތަކަށް ގެންނާށެވެ. މި ފިލްމުވެގެން ދާނީ ޑޭވިޑް ދަރިފުޅު ވަރުންއާ އެކު ހަދާ ހަތަރު ވަނަ ފިލްމަށެވެ. ދެބަފައިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2014 ގެ "މޭ ތެރާ ހީރޯ" އެވެ.

ވަރުން ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ މަހު ޝޫޓިން ފެށި "ޖުގް ޖުގް ޖިއޯ" އާއި ސްރީރާމް ރަގްވަންގެ "އެއްކީސް" ގެ އިތުރުން ސާޖިދު ނަދިއަދުވާލާގެ "ސާންކީ" އާއި އަމަރު ކޯޝިކްގެ "ބޭޅިޔާ" ހިމެނެ އެވެ.