Roadha Mihaaru
ކަންކަން ރަނގަޅުވާނީ ފަރުދީ ޒިންމާއިން: އިމްރާން

ކަންކަން ރަނގަޅުވުން ބިނާވަނީ ފަރުދީ ޒިންމާ އަށް: އިމްރާން

24 އެޕްރީލް 2019

ސުލްހަ މަސަލަސްކަމާއި އާއިލާތަކުގެ ބަދަހިކަމާއި އިގުތިސާދު ވެސް ރަނގަޅުވުން ބިނާވާނީ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާ މިންވަރުގެ މައްޗަށް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުލްހަ މަސަލަސްކަމާއި އާއިލާތަކުގެ ބަދަހިކަމާއި އިގުތިސާދު ވެސް ރަނގަޅުވުން ބިނާވާނީ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާ މިންވަރުގެ މައްޗަށް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން" މި ނަމުގައި ހޯމް މިނިސްރީން ބާއްވަމުން އަންނަ ސިލްސިލާގެ 12 ވަނަ ބައްދަލުވުން ރ. އުނގޫފާރުގައި ފައްޓަވައި ދެއްވަމުން އިމްރާން ވިދާޅުވީ ތަރައްގީ އާއި ކުރިއެރުން ލިބޭނީ ވެސް ފަރުދީ ޒިންމާ ރަނގަޅަށް އަދާކޮށްގެން ކަމަށެވެ.

"ސުލްހަ މަސަލަސްކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އެކުވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އިޖުތިމާއީ ހަމަޖެހުމާއި ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް،" އިމްރާން ވިދާޅުވި އެވެ.

ބައްދަލުވުމުގެ ބައިވެރިންނަށް އޭނާ އިލްތިމާސް ކުރެއްވީ އެ ހުރިހާ ކަމަކާ މެދު ފުންކޮށް ވިސްނައި ފަރުދީ ޒިންމާ އަދާކުރުމުގެ ވިސްނުމައިގެން ތެދުވުމަށެވެ.

އުނގޫފާރުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ބައެއް ބައިވެރިން. ފޮޓޯ: ހޯމް މިނިސްޓްރީ

އުނގޫފާރުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ބައެއް ބައިވެރިން. ފޮޓޯ: ހޯމް މިނިސްޓްރީ

އުނގޫފާރުގައި ފެށި ބައްދަލުވުމުގައި ބައިވެރިވީ ރ. އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލްތަކުގެ މެމްބަރުން، ޒިންމާދާރު ވެރިން އަދި ޖަމިއްޔާތަކާއި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ބައްދަލުވުމުގެ ބޭނުމަކީ އަމާން ވެއްޓެއް ގާއިމްކުރުމާއި ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށްހެދުމަށް މަސައްކަތްކުރުމާއި ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމާއި ޒިންމާދާރު ގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުހިއްމުކަން އަންގައިދިނުމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު އަދި ހޯމް މިނިސްޓްރީގެ ބޭފުޅުންނެވެ.