Roadha Mihaaru
ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި 6 ދިވެއްސެއް

ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު އެބަތިބި: ފޮރިން މިނިސްޓްރީ

26 އެޕްރީލް 2019

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު އެބަތިބި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ދިވެހި ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު އެބަތިބި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ދިވެހި ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.

"މިހާރު [ލަންކާގައި] މި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ހަ ދިވެއްސަކު ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި،" ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހަ މީހުން ހައްޔަރުކުރި ދުވަހެއް ދިވެހި ސަރުކާރަކުން ނުބުނެ އެވެ.

"މިހާރު" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ހަ ދިވެއްސަކު ގެންދިޔައީ ތަފާތު ދެ މައްސަލައެއްގަ އެވެ. އެއީ ބައެއް މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެއާ ގަން ފެނުމާއި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ފެނުމާ ގުޅިގެންނެވެ. އެކަމަކު، މީގެ ތެރެއިން އެ ދެ މައްސަލައިގައި ހިމެނޭ މީހުންގެ އަދަދެއް ނޭނގެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގަައި، މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އެ މީހުންނާ ސުވާލު ކުރަމުންނެވެ.

އެ މީހުންގެ ކަންކަން ބަލައި ފޯރުކޮށްދޭން ޖެހޭ އެހީތައް އެމްބަސީން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި ދިވެއްސަކު އެހީތެރި ކަމެއް ބޭނުންވެއްޖެ ނަމަ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގުޅުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ސްރީ ލަންކާގައި އާދިއްތަ ދުވަހު ބޮން ގޮއްވާލައި 200 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައިގައި އެ ގައުމުގެ ގެތައް ފާސްކުރުމުގެ ބޮޑު އޮަޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އުޅޭ ގެތައް ވެސް ހިމެނެ އެވެ.