Roadha Mihaaru
ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ތަނުން ޑްރަގްސް ފެނުނު

ލަންކާގައި ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ގެއިން މަސްތުވާތަކެތި ފެނުނު

27 އެޕްރީލް 2019

ސްރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ވެސް ފެނުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސްރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ވެސް ފެނުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސްރީ ލަންކާގައި އާދިއްތަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ ގެތައް ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ ދިވެހި ދަރިވަރުންތަކެއް ދިރިއުޅޭ ގެއަކުންނެވެ. އެގެއިން މަސްތުވާތަކެއްޗާއެކު އެއާ ގަން އެއް ވެސް ވަނީ ފެނިފަ އެވެ. ދިވެހިން އުޅޭ ގެއިން ފެނުނު އެ ތަކެތި އަދިވެސް ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އެ ހަތަރު މީހުންނާ ސުވާލުކޮށް ބަޔާނެއް ވެސް ނަގައިފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާނެ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި ދެ ދިވެއްސަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ މާލެ އިން ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މި ދެ މީހުން ވެސް ކޯޓަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު ތިބި ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.

އެކަމަކު، އެމީހުންގެ އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. މި ހަ މީހުންނާ ބޮމުގެ ހަމަލާތަކާ ގުޅުން އޮތް ކަމަށް ތުހުމަތު ނުކުރާ ކަމަށްވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އާއިލާތަކަށް އެމްބަސީން ގުޅައި ދެވެން އޮތް މައުލޫމާތެއް ނަމަ، ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.