Roadha Mihaaru
ކޮންމެ ދުވަހަކު ޗޮކްލެޓް ނުކާންވީ ސަބަބެއް ނެތް

ކޮންމެ ދުވަހަކު ޗޮކްލެޓް ނުކާންވީ ސަބަބެއް ނެތް

28 އެޕްރީލް 2019

ކޮންމެ ދުވަހަކު ޗޮކްލެޓް ކާ ނަމަ ހަނދާން ގަދަކޮށްދޭ ކަމަށާއި ޗޮކްލެޓުން ސިކުނޑި އަށް ކުރާ ފައިދާތައް ގިނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންމެ ދުވަހަކު ޗޮކްލެޓް ކާ ނަމަ ހަނދާން ގަދަކޮށްދޭ ކަމަށާއި ޗޮކްލެޓުން ސިކުނޑި އަށް ކުރާ ފައިދާތައް ގިނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފްރޮންޓިއާސް އިން ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނާ ގޮތުން "ޗޮކްލެޓަކީ މީހާގެ ސިކުނޑި އަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ" އެއްޗެކެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކު ޗޮކްލެޓް ކާ ނަމަ ހަނދާން ގަދަވުމުގެ އިތުރަށް ކަންކަމަށް ދެވޭ ސަމާލުކަމާއި ޝައުގުވެރިކަން އިތުރުކޮށްދީ މުއާމަލާތު ކުރަން ވެސް ފަސޭހަކޮށްދެ އެވެ.

މީގެ އިތުރުން، ޗޮކްލެޓްގެ ފޮނި ރަހަ އިން މީހާގެ "މޫޑް ޕޮޒިޓިވްކޮށްލާ" ކަމަށް ދިރާސާގައި ބުންޏެވެ.

އެގޮތުން ވަކިން ހާއްސަކޮށް ޑާކް ޗޮކްލެޓްގެ ފައިދާ ބޮޑު ކަމަށް ބުންޏެވެ. ދިރާސާގައި ބުނި ގޮތުގައި ޗޮކްލެޓް ތައްޔާރުކުރާ ކޮކޯގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކޮކޯ ފްލެވަނޯލްސްއަކީ މީހާގެ ހިތާއި ސިކުނޑި އާއި ހަމަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އޭގެ ސަަބަބުން ހިތުގެ ހިނގުމާއި ހަށިގަނޑުގައި ލޭގެ ދައުރުން ވެސް ހަމައަކަށް އަޅުވައި ދޭން އެހީތެރިވެ ދެ އެވެ.

"އެހެންވީމާ ކޮންމެ ދުވަހަކު ޗޮކްލެޓް ކެއުމަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި ކަމެއް. ހާއްސަކޮށް އޭގެ ސަބަބުން ކޮގްނިޓިވް [ސިކުނޑިއާ ގުޅުން ހުރި] ފަންކްޝަންތައް ވަރުގަދަކޮށްދޭ،" ދިރާސާ ހެދި އިޓަލީގެ ލަކިއުލާ ޔުނިވަސިޓީގެ ޕްރޮފެސަރުން ކަމަށްވާ ވެލެންޓީނާ ސޮޗީ އާއި މިޝެލް ފެރާރާ ވިދާޅުވި އެވެ.

އެ މީހުން ބުނި ގޮތުގައި ޗޮކްލެޓަކީ ޒުވާނުންގެ ހަރަކާތްތެރިކަން ވެސް އިތުރުކޮށްދޭނެ އެއްޗެކެވެ.

ދިރާސާގައި ބުނީ ޗޮކްލެޓުން ލިއްބައިދޭ ފައިދާތައް ގިނަ ނަމަވެސް މާ ގިނައިން ޗޮކްލެޓް ކެއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންވެ ދުވާލެއްގެ މައްޗަށް ގިނަވެގެން 28 ގްރާމްގެ ޗޮކްލެޓަކީ ފުދޭނެ މިންވަރެއް ކަމަށް ތަޖުރިބާކާރުން ލަފާ ދީފައިވެ އެވެ.

"ހާއްސަކޮށް، ހަކުރު ގިނަ އަދި އެކި ކަހަލަ ޕްރިޒަވޭޓިވްސް އެކުލެވޭ ޗޮކްލެޓްތައް ކާންވާނީ ވަރަށް ބޮޑަށް ބަލައިގެން،" ދިރާސާގައި ބުންޏެވެ. "ޗޮކްލެޓް ގަންނަ އިރު މި ކަންކަމަށް ސަމާލުކަން ދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެއް."