Roadha Mihaaru
އޮސްޓްރޭލިއާގައި ހުރި ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް

އޮސްޓްރޭލިއާގައި ހުރި ދިވެހި ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް

01 މެއި 2019

ސިއްހީ މައްސަލަތަކެއް ހުރި ދިވެހި ފިރިހެން ކުއްޖަކު އޮސްޓްރޭލިއާ އިން ފޮނުވާލަފާނެ ކަމުގެ ބިރު އޮތުމުން، އެ ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިއްހީ މައްސަލަތަކެއް ހުރި ދިވެހި ފިރިހެން ކުއްޖަކު އޮސްޓްރޭލިއާ އިން ފޮނުވާލަފާނެ ކަމުގެ ބިރު އޮތުމުން، އެ ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދު އުފަންވީ އޮސްޓްރޭލިއާއަށެވެ. ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ސިކުނޑި އަށް ގެއްލުންތައް ލިބިފައިވެ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ. އެހެންވެ އެ ކައިބާން އަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެ އެވެ.

"ސޭވް ކައިބާން" ނަމުގައި ތައްޔާރު ކުރި ޕެޓިޝަންގައި މިހާތަނަށް 7000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އެގޮތުން، މި ޕެޓިޝަންގައި ގިނަ ދިވެހިންތަކެއް ވަނީ ސޮއިކޮށްފަ އެވެ.

އޭބީސީން ބުނާ ގޮތުގައި ކައިބާން އަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އޭބީސީން ބުނި ގޮތުގައި، އެ ކުއްޖާ އަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.

އޭބީސީން ބުނީ ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.

ކައިބާން އަށް ވިސާ ނުދޭން ނިންމި މައްސަލަ އެ ގައުމުގެ އެޑްމިނިސްޓްރޭޓިވް އެޕީލް ޓްރައިބިއުނަލްގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ ޓްރައިބިއުނަލްގެ ނިންމުން އަންނަން އެތައް މަހެއް ހޭދަވެދާނެ ކަމަށް އޭބީސީން ބުނެ އެވެ.