Roadha Mihaaru
"ބްލޭންކް" ގައި ކަރަން ކަޕާޑިއާގެ ރޯލް ވަރަށް ކުރު

"ބްލޭންކް" ގައި ކަރަން ކަޕާޑިއާގެ ރޯލް ވަރަށް ކުރު

04 މެއި 2019

އިއްޔެއަކީ އަނެއްކާ ވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރަކު ބޮލީވުޑަށް ތައާރަފުވި ދުވަހެކެވެ. ފިލްމު "ބްލޭންކް"އިން ބޮލީވުޑަށް މި ފަހަރު ނިކުތް އެކްޓަރަކީ ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ކޮއްކޮ އަދި ކުރީގެ ބަތަލާ/ފެޝަން ޑިނައިޒަރު ސިމްޕަލް ކަޕާޑިއާގެ ދަރިފުޅު ކަރަން ކަޕާޑިއާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިއްޔެއަކީ އަނެއްކާ ވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރަކު ބޮލީވުޑަށް ތައާރަފުވި ދުވަހެކެވެ. ފިލްމު "ބްލޭންކް"އިން ބޮލީވުޑަށް މި ފަހަރު ނިކުތް އެކްޓަރަކީ ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ކޮއްކޮ އަދި ކުރީގެ ބަތަލާ/ފެޝަން ޑިނައިޒަރު ސިމްޕަލް ކަޕާޑިއާގެ ދަރިފުޅު ކަރަން ކަޕާޑިއާ އެވެ.

އުމުރުން 25 އަހަރުގެ ދަރިފުޅު ފިލްމީ ދުނިޔެ އަށް ނުކުތް އިރު، ސިމްޕަލް ވަނީ 2009 ގައި މަރުވެފަ އެވެ. މަންމަ އާއި ބޮޑުދައިތަ އާއި ދެބެއިންގެ ދެ ދަރި ދައްތަ ޓްވިންކަލް ކަންނާ ފަދަ މީސްމީހުންނަކީ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ތަރިންނަށް ވާތީ ކަރަންއާ މެދު ވެސް އުންމީދު ބޮޑެވެ.

އޭނާގެ އަލަތު ފިލްމު "ބްލޭންކް"ގެ ރިވިއު ކުރަމުން، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ ފުރަތަމަ ފިލްމާ ބަލާފައި ކަރަންގެ އެކްޓިން ވަރަށް ރަނގަޅު ކަމަށާއި އޭނާ ފިލްމުގައި ކުޅުނު ހަނީފު ކިޔާ ޓެރަރިސްޓެއްގެ ރޯލް ވަރަށް ފުރިހަމަ އަށް އަދާކޮށްފައިވާ ކަމަށެވެ.

އެކަމަކު ބެލުންތެރިން އެންމެ މާޔޫސްވާނެ އެއް ކަމަކީ މި ފިލްމަކީ ކަރަން ބޮލީވުޑަށް ނެރޭ ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރި ނަމަވެސް އުންމީދު ކުރި ވަރަށް ވުރެ އޭނާގެ ސްކްރީން ޓައިމް ކުޑަވުމެވެ. ތަރަން ބުނީ ފިލްމުގެ ދެވަނަ ހާފުގައި އޭނާ ފެންނަ މަންޒަރުތައް ވަރަށް މަދުކަމަށާއި އެއީ ބެލުންތެރިންނަށް ޝޮކަކަށް ވެދާނެ ކަމަށެވެ.

"ބްލޭންކް" އެންމެ ވަރުގަދަ ކެރެކްޓާ ކުޅެފައި ވަނީ ސަނީ ޑިއޯލް އެވެ. މުމްބާއީ އަށް ދޭން ރާވާ 24 ބިމުގެ ހަމަލާއެއް ނާކާމިޔާބުކޮށްލަން މަސައްކަތް ކުރާ އޭޓީއެސް އޮފިސަރު އެސްއެސް ދިވާންގެ ރޯލް ސަނީ ވަރަށް ފުރިހަމަ އަށް އަދާކޮށްފައިވާ ކަމަށާއި މި ފިލްމަކީ ސަނީގެ އެކްޝަން ރޯލްތަކަށް ލޯބިކުރާ ފޭނުން ވަރަށް ގަޔާވާނެ ފިލްމެއް ކަމަށް ތަރަން ބުންޏެވެ.

"ބްލޭންކް" ގެ މައިގަނޑު ވާހަކައަކީ ތެހްރީރް އަލް-ހިންދު ކިޔާ ޓެރަރިސްޓް ޖަމާއަތަކުން ރާވައިގެން މުމްބާއީގައި ހިންގާ ބޮން ގޮއްވުމުގެ ހާދިސާތަކެއްގެ ވާހަކަ ކިޔައި އެކްޝަން ތުރިލާއެކެވެ. މީގައި ކަރަން ވެސް ކުޅެފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅެނިކޮށް، އެކްސިޑެންޓްވެ، ހޭއަރާ އިރު ކުރީގެ ހަނދާންތައް ގޮސްފައިވާ މީހެއްގެ ރޯލެވެ.

ތަރަން ބުނީ ޕްރަނާވް އަދާޝް ލިޔުނު "ބްލޭންކް"ގެ ސްކްރީންޕްލޭ ސާދާވެފައި، ޓެރަރިޒަމް ހާދިސާތަކެއް ދައްކުވައި ދޭން ފިލްމުގައި ކޮށްފައި ހުރި މަސައްކަތްތައް ޝައުގުވެރި ކަމަށެވެ. އަދި މަންޒަރުތަކުގެ ފުރިހަމަކަން ޑައިލޮގްތަކުން އިތުރުކޮށްދޭ ކަމަށެވެ.

ސަތޭކަ އެގާރަ މިނިޓްގެ ފިލްމަކީ އެހާ ޝައުގުވެރި ފިލްމަކަށް ނުވިޔަސް، މިއީ ބަލަން ސިނަމާގައި މަޑުކޮށްލަން ޖެހޭ ކަހަލަ ފިލްމެއްކަން ފާހަގަކުރަމުން ތަރަން ބުނީ ފިލްމުގެ ޑައިރެކްޝަން ވެސް ފުދޭ ވަރަކަށް ރަނގަޅު ކަމަށެވެ. "ބްލޭންކް" ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ބެހެޒާދު ކަމްބާޓާ އެވެ.

ފިލްމުގެ ރަނގަޅު ކަންކަމަށް އިޝާރާތްކޮށް ތަރަން ބުނީ މީގެ އެންމެ ހާއްސަ އެއް ސިފައަކީ ފިލްމުގެ ސިނަމޮޓޯގްރީ ކަމަށެވެ. އެގޮތުން ފިލްމުގެ މަންޒަރުތައް ވަރަށް ވެސް އަސްލާ އެއްގޮތަށް، ފޫހިކަން އެއްފަރާތްކޮށްލާ ކަހަލަ ގޮތަކަށް ގެނެސް ދީފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ފިލްމުގެ އެކްޝަންތަކާއި ޕްރޮޑަކްޝަން ޑިޒައިނާއި ވީއެފްއެކްސް ވެސް ރަނގަޅު ކަމަށް ތަރަން ބުންޏެވެ.

ހިންދީ ފިލްމުތަކަށް ލޯބި ކުރާ މީހުންނަކީ ހިތްގައިމު މިއުޒިކަށް ވެސް ވަރަށް ބޮޑަށް އެދޭނެ ބަޔަކަށް ވިޔަސް، "ބްލޭންކް" މިއުޒިކްގައި މާ ހާއްސަ ކަމެއް ނެތެވެ. އެކަމަކު މި ފިލްމު ޕްރޮމޯޓްކޮށް ދިނުމުގެ ގޮތުން ކަރަންގެ ޅިޔަނު އަދި މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވަނީ ކަރަންއާ އެކު "އަލީ އަލީ" ކިޔާ ހާއްސަ ލަވައެއް ކުޅެފަ އެވެ.

"ބްލޭންކް" އަށް ފަހެކުން ދޭއްބައިގެ ތަރީގެ ރޭޓިންއެއް ދިން ތަރަން ބުނީ މިއީ އެވްރެޖް ވިޔަފާރިއެއް ކުރާނެ ފިލްމެއް ކަމަށެވެ.

ކަރަން އާއި ސަނީގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކަރަންވީރު ޝަރުމާ، އިޝިތާ ދައްތާ އަދި ޖަމީލް ހާން ހިމެނެ އެވެ.