Roadha Mihaaru
އަކްޝޭގެ ފަރާތުން އިތުރު ތިން ކްރޯޑް ރުޕީސް

އަކްޝޭ ކުމާރުގެ ފަރާތުން އިތުރު ތިން ކްރޯޑް ރުޕީސް

12 އެޕްރީލް 2020

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ހޯދުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކުރި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އަނެއްކާ ވެސް ފައިސާގެ އެހީއެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީ ހޯދުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކުރި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އަނެއްކާ ވެސް ފައިސާގެ އެހީއެއް ދީފި އެވެ.

މި ފަހަރު އޭނާ ދީފައި ވަނީ ތިން ކްރޯޑް ރުޕީސް (393,822 ޑޮލަރު) އެވެ. މި އެހީ ހާއްސަކޮށްފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ބޭނުންކުރާ އަސާސީ މެޑިކަލް ސާމާނު ހޯދުމަށެވެ. އޭގެ ތެރޭގައި މާސްކާއި ޓެސްޓްކުރާނެ ކިޓްތައް ހިމެނެ އެވެ.

އަކްޝޭ އަކީ "ޕީއެމް-ކެއާޒް" އަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާކުރި ފަންނާނު ވެސް މެ އެވެ. އެ ފަންޑަށް މިހާތަނަށް ވަރަށް ގިނަ ފިލްމީ ތަރިންނާއި އެ ނޫން ވެސް ގިނަ ބަޔަކު ފައިސާ ހަދިޔާކޮށްފައިވެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ހިންގާ އެކި ކަހަލަ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ވެސް އަކްޝޭ އަންނަނީ މުހިއްމު ރޯލެއް އަދާކުރަމުންނެވެ.

އެގޮތުން، ތަރިންތަކެއް ހިމަނައިގެން ގެނެސްދިން އުންމީދުގެ ލަވަ "މުސްކުރާއެގާ" އަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ހިއްސާވެގެން ހެދި ލަވައެކެވެ.

މީގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި އަކްޝޭ އަންނަނީ އާންމުންގެ ތެރޭގައި އުންމީދު އާކޮށްދޭ ކަހަލަ އެކި ކަންކަންކުރަމުންނެވެ.