Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

08 މެއި 2019

އަންނަ މަހު ޝޫޓިން ފަށަން ނިންމާފައިވާ، ސައިފް އަލީ ހާންގެ ފިލްމު "ޖަވާނި ޖާނެމަން" ގެ ރޯލަކަށް ތައްބޫ ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ޝޫޓިން ފަށަން ނިންމާފައިވާ، ސައިފް އަލީ ހާންގެ ފިލްމު "ޖަވާނި ޖާނެމަން" ގެ ރޯލަކަށް ތައްބޫ ވެސް ސޮއިކޮށްފި އެވެ.

ޒުވާން އަންހެން ދަރިއަކާއި ބައްޕައަކާ އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލު ކުޅޭނީ އަލަށް ތައާރަފު ކުރާ އަލައިއާ ފަރުނީޗަރްވާލާ އެވެ. އެއީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދޮށީ އަންހެން ދަރިފުޅެވެ.

ލަންޑަނުގައި އަންނަ މަހު "ޖަވާނި ޖާނެމަން" ގެ ޝޫޓިން ފަށާ އިރު މި ފިލްމުގެ ޑައިރެކްޓަރަކީ ނިތިކް ކައްކަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސަލްމާން ހާން ޕްރޮޑިއުސްކޮށް، ދާދި ފަހުން މުޅިން އާ ދެ ތަރިއަކު ބޮލީވުޑަށް ދޫކޮށްލި "ނޯޓްބުކް" އެވެ.

ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ "ޖަވާނި ޖާނެމަން" އަކީ ސައިފްގެ އަމިއްލަ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އާއި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓްގެ އިތުރުން ޖޭ ޝެވަކްރަމަނީގެ ނަދަން ލައިޓް ފިލްމްސް ގުޅިގެން ހަދާ ފިލްމެކެވެ.

"ބަނގްރާ ޕާ ލޭ" އަށް އިތުރު ބަތަލާއެއް

މަޝްހޫރު ޕްރޮޑިއުސަރު ތަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ޑައިރެކްޝަނަޑް ނުކުންނަ ޑާންސް ފިލްމު "ބަންރާ ޕާ ލޭ" ގެ ކާސްޓާ އިތުރު ބަތަލާއަކު ގުޅިއްޖެ އެވެ.

ވިދަމުން އަންނަ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި "އަރްޖުން ރެޑީ" ފަދަ ފިލްމުތައް ކުޅެފައިވާ ސައުތުގެ ބަތަލާ ރުކްޝާރް ދިލަން މުހިއްމު ރޯލްތައް ކުޅޭ ފިލްމުގެ ކާސްޓާ އަލަށް ގުޅުނު ބަތަލާއަކީ ޝްރިޔާ ޕިލޯންގްކަރެވެ. އޭނާ އެންމެ ފަހުން ފެނިފައި ދަނީ ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި "މިރްޒާޕޫރް" އިންނެވެ.

ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭ އަދި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާ ޕްރޮޑިއުސްކުރާ "ބަނގްރާ ޕާ ލޭ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރޯހިތުގެ އާ ފިލްމުގައި ހުރިހާ ފުލުހުން

މުލަ ރޯދަ ދުވަހު ޝޫޓިން ފެށި ރޯހިތު ޝެޓީގެ އާ ފިލްމު "ސޫރިޔާވަންޝީ" ގައި އޭނާ ކުރިން ގެނެސް ދިން ކޮޕް ޑްރާމާތަކުގައި ފުލުހުންގެ ރޯލް ކުޅުނު އެކްޓަރުން ދައްކައިލާނެކަން ކަށަވަރުކޮށް ދީފި އެވެ.

މި ފަހަރު އަކްޝޭ ކުމާރު ފުލުހެއްގެ ރޯލުން ފެނިގެންދާ "ސޫރިޔާވަންޝީ" އިން "ސިންގަމް" ފްރެންޗައިޒްގައި ފުލުހެއްގެ ރޯލް ކުޅޭ އަޖޭ ދޭވްގަން އާއި "ސިމްބާ" ގައި ފުލުހެއްގެ ރޯލް ކުޅުނު ރަންވީރު ސިންގް ހާއްސަ ފެނިލުންތަކުން ދައްކައިލާނެ އެވެ.

އެ މީހުންނާ އެކު ނަގާފައިވާ ފޮޓޯއެއް ރޯހިތާއި ފިލްމުގެ ކޯ-ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ "ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ.

ސައިފްގެ އާ ފިލްމު ސެޕްޓެމްބަރުގައި

ވޯކިން ޓައިޓްލްއަކަށް "ހަންޓާ" ދީގެން މިހާރު ޝޫޓިން ވެސް ނިންމާލާފައި އޮތް ސައިފް އަލީ ހާންގެ ފިލްމު އަންނަ ސެޕްޓެމްބަރު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ރަސްމީ ނަމާ އެކު ވަރަށް އަވަހަށް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ. "ހަންޓާ" އަކީ މިދިޔަ އަހަރު "ޒީރޯ" ގެނެސް ދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ހަދާފައިވާ ފިލްމެކެވެ.

ސައިފް ވަރަށް ތަފާތު ކެރެކްޓާއަކުން ފެނިގެންދާ "ހަންޓާ" ގެ ޑައިރެކްޓަރަކީ އަނުޝްކާ ޝަރުމާގެ "އެންއެޗް10" ހެދި ނަވްދީޕް ސިންގެވެ.

ސައިފާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި މަނާވް ވިޖް އާއި ޒޯޔާ ހުސައިން ހިމެނެ އެވެ.