Roadha Mihaaru
ފަޒީލްގެ ބަންދަށް 10 ދުވަސް

ފަޒީލްގެ ބަންދަށް 10 ދުވަސް

08 މެއި 2019

ލ. ގަމުގައި މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުގައި މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރި އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާ ވެސް ބިރުދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެ ތިން މީހުންގެ ތެރެއިން ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭންނެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެން ހުރި މީހާ ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފަ އެވެ.

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް، ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުގައި ބައިވެރިވި ފަޒީލަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ޝިމާ ގެއްލުނު މައްސަލައިގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، ފަހުން ވަނީ ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އިތުރު ދެ ފިރިހެނަކާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން ހުއްޓުވައި އޭނާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖަހައިފަ އެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ފަހުން ދޫކޮށްލުމުން ވަނީ މީހަކު ކިޑްނެޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ޝިމާ ގެއްލުނު ހާދިސާގައި ފަޒީލް ދައްކާ ވާހަކަތައް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އަދި އޭނާގެ ބައެއް ވާހަކަތަކާ މެދު ޝައްކު އުފެދޭ ކަމަށް ފުލުހުން ވެސް ބުނެ އެވެ.