Roadha Mihaaru
ރައްޔިތުންގެ ހަޒާނާ ސަލާމަތް ކޮށްދޭނަން: ރިފްއަތު

ރައްޔިތުންގެ ހަޒާނާ ކޮރަޕްޝަނުން ސަލާމަތް ކުރާނަން: ރިފްއަތު

11 މެއި 2019

އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވާ ކަމަށާއި ކޮރަޕްޝަނުގެ އަމަލުތަކުން ރައްޔިތުންގެ ހަޒާނާ ރައްކާތެރި ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވާ ކަމަށާއި ކޮރަޕްޝަނުގެ އަމަލުތަކުން ރައްޔިތުންގެ ހަޒާނާ ރައްކާތެރި ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުުނު ފަހުން ދައުލަތުން ބަދަލު ދޭން ޖެހޭ ގޮތަށް ނިންމި ބޮޑެތި ބައެއް މައްސަލަތަކާ ގުޅިގެން އެކި ފަރާތްތަކުން ވަނީ ރިފްއަތަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް މުއާމަލާތެއް ކުރައްވައިގެން ފައިދާ ހޯއްދަވާފައި ނުވާނެ ކަމަށެވެ.

އޭޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރެއްވި ގާނޫނީ މަސައްކަތްތައް ދޫކޮށްލެެއްވީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެކެވެ. އަޅުގަނޑު ރައްޔިތުންގެ ހަޒާނާ ކޮރަޕްޝަނުން ސަލާމަތް ކުރާނަމެވެ،" ޓްވީޓްގައި ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތުގެ ޓްވީޓް

ރިފްއަތަށް އެންމެ ބޮޑު ތުހުމަތެއް ކުރެއްވީ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އެވެ. އަލްހާން މީގެ ދެ ދުވަސް ކުރިން ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވި ގޮތުގައި ރިފްއަތާއި ރައީސް އޮފީހުގެ ލީގަލް ޑައިރެކްޓަރު އަހުމަދު އަބްދުﷲ އަފީފް ވަނީ ދީބާޖާއިން 2 މިލިއަން ޑޮލަރު ހޯއްދަވަން ހުށައަޅުއްވައިފަ އެވެ.

އެމްޑީޕީ ސަރުކާރުގައި ދީބާޖާއަށް ދިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ދިބާޖާއަށް ލިބޭ ބަދަލުގެ ތެރެއިން 174 މިލިއަން ރުފިޔާ އަލްހާންގެ އަމިއްލަ ލޯ ފާމަށް ދޭން ހަދާފައި އޮތް އެއްބަސްވުމެއް މިދިއަ ހަފުތާގައި ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަލްހާން ވިދާޅުވެފައި ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

ދީބާޖާގެ މައްސަލަ އަލުން މުރާޖާކޮށްދޭން ސުޕްރީމް ކޯޓަށް ހުށައަޅުވާނެ ކަމަށް ރިފްއަތު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ސިވިލް ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުގެ ކުރިން އެ މައްސަލައަށް ކޯޓުން ބޭރުގައި ހައްލެއް ހޯދަން ފުރުސަތެއް ދޭން ރިފްއަތު ވަނީ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތު އަލްހާން އެޅުއްވީ އެގޮތަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް އޭޖީ ފޮނުއްވި ސިޓީއަށް ނިސްބަތްކުރައްވަ އެވެ.

ރިފްއަތު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާގެ ގާނޫނީ މުޅި ކެރިއަރުގައި ވެސް ކޮރަޕްޝަންގެ ޑީލަކުން ފައިދާ ހޯއްދަވާފައި ނުވާނެ ކަމަށެވެ.