Roadha Mihaaru
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ ލަންކާ ގައި މަރުވެއްޖެ

14 މެއި 2019

ތ. ތިމަރަފުށީގައި މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ އަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނިކޮށް މިރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ދެންމެ ބުނެފި އެވެ.

ތ. ތިމަރަފުށީގައި މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ އަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނިކޮށް މިރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ މާޗް 12 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުލޭޚާ މިރޭ ދަންވަރު 1:20 ގައި މަރުވެފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޒުލޭޚާ އަށް ލަންކާ ގައި ފަރުވާދެމުން އައި ނަމަވެސް އެކްސިޑެންޓަށް ފަހު އޭނާ އޮތީ ކޯމާއެއްގަ އެވެ.

އުމުރުން 52 އަހަރުގެ ޒުލޭޚާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް، އެކްސިޑެންޓާ ގުޅިގެން ކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ފަހު ދެ އޮޕަރޭޝަން ކުރީ ލަންކާގަ އެވެ.

ވަންދޫގައި ދިރިއުޅޭ ޒުލޭޚާ އެކްސިޑެންޓު ވީ، އާއިލާ ބަޔަކު ބަލާ ތިމަރަފުއްޓަށް ގޮސް އުޅެނިކޮށެވެ.

ތިމަރަފުށީ އެއާޕޯޓަށް ދިޔަ އާއިލާގެ މީހުން ބަލައި ގޮސް އުޅެނިކޮށް، ޒުލޭޚާ އެކްސިޑެންޓުވީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ހިނގާފައި ދަނިކޮށް، އެ މަގުން ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނެއްޓި، އޭނާގެ ގައިގައި ޖެހުމުންނެވެ. އެ އެކްސިޑެންޓުގައި އޭނާ ބޮލަށް ލިބުނު ޒަޚަމްގެ އިތުރުން މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކަށިގަނޑު އަދި ތިން ދަތް ވެސް ބިނދުނެވެ.

ޒުލޭޚާ އަށް އިތުރު ފަރުވާ ދިނުމަށް ލަންކާ އަށް ގެންދިޔަ މާޗް 23 ގަ އެވެ. އޭނާ އަކީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ.

ފުލުހުން މިދިޔަ މަހު ބުނެފައި ވަނީ ޒުލޭޚާގެ ގައިގައި ޖެހުނު ވޭން ދުއްވަން އިން މީހާގެ ލައިސަންސް ދެ އަހަރުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މިރޭ ބުނީ، ތަހުގީގު ނިންމައި ތ. އަތޮޅުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް މައްސަލަ ހަވާލު ކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގައި ދައުވާ ކުރުމުގެ ބައި ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބޭ،" ފުލުހުން ބުންޏެވެ.