Roadha Mihaaru
ފިޗުން މިފަހަރުވެސް ރާއްޖެއަށް ބީ ޕްލަސްއެއް

ފިޗުން މިފަހަރުވެސް ރާއްޖެއަށް ބީ ޕްލަސްއެއް

14 މެއި 2019

މަޝްހޫރު ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް ރޭޓިންގް އިން މި ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން އަށް މި އަހަރު ވެސް ބީ ޕްލަސްގައި ދަމަހައްޓައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް ރޭޓިންގް އިން މި ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން އަށް މި އަހަރު ވެސް ބީ ޕްލަސްގައި ދަމަހައްޓައިފި އެވެ.

މިއީ 2017 ވަނަ އަހަރު ކަނޑައެޅި އެންމެ ފުރަތަމަ ރޭޓިންގް އަށް ފަހު މިއަހަރު ކުރި ރިވިއުގައި ދީފައިވާ ރޭޓިންނެވެ.

ސޮވެރިންގް ކްރެޑިޓް ރޭޓިން އަކީ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު އަންދާޒާ ކުރުމުގައި ބަލާ ރޭޓިންއެކެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ.

ބީ ޕްލަސް ރޭޓިން ދެމެހެއްޓީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި ރާއްޖެއަށް ކުރަން ބޭނުންވާ ހަރަދުގެ ނިސްބަތުން ބަލާ އިރު ބޭރު ފައިސާގެ ރިޒާވު މަދުވުމުން ކުރިމަތިވެދާނެ ނޭދެވެ އަސަރުތަކުން ސަލާމަތް ވުމަށް އެކަށޭނަ ވަސީލަތްތައް ރާއްޖޭގައި އެބަހުރި ކަމަށް ފާހަގަކުރެވޭތީ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރާއި ޓޫރިޒަމްގެ ކުރިއެރުމާއި ރާއްޖޭގެ ސްޓްރަކްޗަރަލް އިންޑިކޭޓަރުތަކުގެ ދުޅަހެޔޮކަން ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ފިޗުން ބުނެފައިވާ ގޮތުގައި ކުރިއަށް ވުރެ ސްޓްރެޓެޖިކް އަދި ދެ ފުށް ފެންނަ އުސޫލަކުން ދައުލަތުގެ ހަރަދުތައް ކުރުމަށް ސަރުކާރުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުމާއި އިގްތިސާދީ އިޖްތިމާއީ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި ފަހަރުގެ ފިޗްގެ ރިޕޯޓުގައި ވެސް ރާއްޖެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން މި ސިނާއަތަށް އަންނަ ލޮޅުމެއްގެ ސަބަބުން ބޮޑެތި ގޮންޖެހުތަކެއް މުޅި އިގްތިސާދަށް ކުރިމަތިވެދާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ދަރަނި އިތުރުވެފައިވާ މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

ފިޗުން ފާހަގަކޮށްފައިވާ މި ކަންކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން މިހާރު ވެސް މުހިއްމު ތިން ފިޔަވަޅެއް އަޅާފައިވެ އެވެ. އެގޮތުން ސަރުކާރުގެ މެދުރާސްތާ ޕްލޭނެއް ހިއްސާކުރުމާއި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭރުގެ އިންވެސްޓަރުންނަށް ހާއްސަ ފޯރަމެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން ދަރަނި މެނޭޖުކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ދައުލަތުގެ އާމްދަނީން ބައެއް ހާއްސަކޮށް ފަންޑުގައި ރައްކާކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ފަންޑު އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.