Roadha Mihaaru
މިފްކޯ އަށް މިދިޔަ ފަސް އަހަރު ބޮޑު ގެއްލުމެއް!

މިފްކޯ އަށް މިދިޔަ ފަސް އަހަރު 839 މިލިއަންގެ ގެއްލުންވި: އަމްރު

17 މެއި 2019

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް، މިދިޔަ ފަސް އަހަރު 839 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް، މިދިޔަ ފަސް އަހަރު 839 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، މިފްކޯ އަށް ވަމުންދާ ގެންލުންތަކާ ގުޅޭ ގޮތުން އަމްރު ވިދާޅުވީ، މިދިޔަ އަހަރު އެކަނި ވެސް 199 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ގެއްލުން ވަނީ އެންމެ ސަަބަބަކާ ހުރެ. މިދިޔަ އަހަަރު މިފްކޯ އިން 42،000 ޓަނުގެ މަސް ގަނެފައިވޭ. އޭގެ ތެރެއިން ވެލިއު އެޑް ކުރެވުނީ އޭގެ 30 ޕަސެންޓު. އަނެއް 70 ޕަސެންޓް ވިއްކާލަން ޖެހެނީ ގަނޑުކޮށްފައި ބޭރަށް،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި، ގަނޑުކޮށްގެން މަސް ވިއްކުމުން 1،925 ޑޮލަރު ޖެހޭ އިރު މިދިޔަ އަހަރު އެވްރެޖުކޮށް މަސް ވިއްކާފައި ވަނީ 1،722 ޑޮލަރަށެވެ. އެހެން ކަމުން މިފްކޯ އިން ޓަނެއް ވިއްކަނީ 203 ޑޮލަރު ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 228 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު އޭގެ ތެރެއިން 199 މިލިއަން ރުފިޔާ މިފްކޯގެ ގެއްލުމަށް ކަނޑަން ޖެހުނެވެ. އެއާ އެކީ މުޅި ގްރޫޕްގެ ފައިދާ 30 މިލިއަން ރުފިޔާ އަށް ދަށަށް ދިޔަ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަށް ދިޔަ އެ ކުންފުނީގެ ބައެއް ހިއްސާދާރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަށް ދިޔަ އެ ކުންފުނީގެ ބައެއް ހިއްސާދާރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ބޮޑު ގެއްލުމެއް ވަމުންދާ އިރު މިދިޔަ ދުވަސްތަކުގައި އެސްޓީއޯ އިން ވަނީ މިފްކޯ އަށް ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 85 މިލިއަން ރުފިޔާ އެސްޓީއޯ އިން މިފްކޯ އަށް ދީފައި ވެ އެވެ. އަދި މިދިޔަ އަހަރު 366 މިލިއަން ރުފިޔާ އެސްޓީއޯ އިން މިފްކޯ އަށް ދޭން ޖެހުނެވެ.

އަމްރު ވިދާޅުވީ، މިފްކޯ އިން ލިބޭ ގެއްލުން ކުޑަ ކުރެވޭނީ ދަޅުގައި ބަންދުކުރާ މަސް އިތުރު ކޮށްގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިފްކޯ އަށް 839 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެސްޓީއޯ އިން ބުނި ނަމަވެސް ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ނޮވެމްބަރު 2017 ގައި ވިދާޅުވީ އެއީ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށްފަައިވާ ކަމަށެވެ.

އޭނާ އޭރު ވިދާޅުވެފައި ވަނީ ފައިދާވާ ކުންފުންޏަކަށް މިފްކޯ ބަދަލުވެފައިވާ އިރު 2017 ވަނަ އަހަރު ނިމޭއިރު ވެސް އެއީ ފައިދާވާ ކުންފުންޏަކަށް ވާނެ ކަމަށެވެ.

މިފްކޯގެ އިތުރުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހޮޓަލުގެ ސަބަބުން ވެސް އެސްޓީއޯ ގްރޫޕަށް ގެއްލުންތަކާ ކުރިމަތިވެ އެވެ. އެގޮތުން، އެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެސްޓީއޯ އިން ދައްކަންޖެހޭ ފައިސާގެ އަދަދު ފަސް މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.